Wednesday, November 19, 2008


ޝާހިދު އުދަރެހަށް ބަލައިލިއެވެ. އިރުވައިމޫސުމުގެ ދުވަހެއްކަމުން އުޑުމަތީގައި ކަފަވިލާކޮޅުތައް ބައިބަޔަށް އެތުރިލާފައި ވެއެވެ. މަޑުމަޑުން ޖެހެމުންދާ ވައިރޯޅިތަކުގެ އެހީގައި ވިލާކޮޅުތައް ދައުރުވަމުން ދެއެވެ. ޝާހިދު މިނިވަންކަމުގެ ފޮނިފޮނި އިޙްސާސުގައި ދުނިޔޭގެ އާ މާހައުލަށް ބަލަމުން ދެއެވެ. މިއަދު އޭނާއަށް ދުނިޔެ ފެންނަމުންދަނީ މުޅިން އާތަނެއްގެ ގޮތުގައެވެ. މިއަދަކީ 17 އަހަރުގެ ދިގުމުއްދަތަކަށް ކުށްވެރިއެއްގެ ގޮތުގައި ޝާހިދު ޖަލުގައި ހުރުމަށްފަހު އޭނާ މިނިވަންވެ. ސަލާމަތްވި ދުވަހެވެ.

ދާނެ ވަކިތަނެއްނެތި އޭނާ ހިގަމުން ދިޔައެވެ. ދެފައި އޮޅެމުންކަހަލަ ގޮތަކަށެވެ. އޭނާއަށް ދެވޭ ނުދެވޭ ތަވެއްވެސް ނޭގޭހާލު ސަހަރާގެ ދޮރުން ވަދެވިއްޖެއެވެ. ކަނާތްފަރާތު ޤަބުރުސްތާނުގައި ތިންވަނާގައި ހުރީ ވަރަށް އާ މަހާނައެކެވެ.

" މިއާދެވުނީ ކޮންތާކަށްބާ. ޤަބުރުސްތާނެއް. ހާދަ އާ މަހާނައެއް".

ކުއްލިއަކަށް ޝާހިދުގެ ލޮލުގައި އަޅައިގަތީ މަހާނަ ކައިރީގައި އޮތް ފޮތަކަށެވެ. ޝާހިދު ގުދުވެލާފައި ފޮތްނަގާ ހުޅުވާލިއެވެ. އަދި އޭގައިވާ ޢިބާރާތްކޮޅު ކިޔާލިއެވެ.

" ޙަޔާތުގެ ދަތުރުގައި އަހަންނަކީ އެކަނިވެރިއެކެވެ. ދުނިޔަވީ ޙަޔާތުން އަހަންނަށް ލިބުނު އެއްވެސް އެއްޗެއް ނެތެވެ. އަހަރެން ތަޙައްމަލްކުރި ހިތާމަޔާ، ހިތްދަތިކަމާ، ވޭނާ ރިހުން އެއީ އަހަރެންގެ ތަޤްދީރުގައި އަހަންނަށް ކަޑައެޅި މިންވަރުކުރެއްވި އަހަރެންގެ ނަޞީބެވެ. އަހަރެންގެ އިގިލިތަކުން މި ހުދު ކަރުދާހުގައި ފަވާމިލަނީ ހަޔާތުގައި އަހަރެން ހިއްސާކުރަމުން ދިޔަ ހިތި ތަޖުރިބާތަކެވެ.".

ޝާހިދު މަޑުމަޑުން މިޢިބާރާތްކޮޅު ކިޔާލިއެވެ. އަދި އޭގައިވާ ސާފު ރީތި ލިޔުމަށް ރަގަޅަށް ބަލާލިއެވެ. އެއައްފަހު އޭނާގެ ދިގު ތުބުޅީގައި ފިރުމާލިއެވެ. އެވަގުތު ބަޑުހައި ހޫނުކަން އޭނާއަށް އިޙްސާސް ކުރެވިއްޖެއެވެ. ނަމަވެސް މިއަދު ބަޑުހައި ހޫނުކަން ފިލުވުމަސްވެސް ސަލާމް ޖެހުންނޫން ގޮތެއް ހަމަ ޔަޤީނުންވެސް ނެތެވެ. މާޒީވި ޙަޔާތުގެ ރަންޖަރީ ދުވަސްތަކަށްފަހު މިއަދު އޭނާވަނީ އޭރުގެ ޒުވާންކަމުގެ ބާރު ގޮސް ހަށިގަނޑު ދެރަވެ އަނަރޫފަ ވެފައެވެ.

ކުއްލިއަކަށް ޝާހިދުގެލޮލުން ކަރުނަ އޮހެން ފަށައިފިއެވެ. ބަނޑުހައި ހޫނުކަމަށް ކެތްނުވެގެންނެވެ. މިއީ ހަޔާތުގައި ކަރުނަ އޭނާ ތަޖްރިބާކުރި ފުރަތަމަ ފަހަރެވެ.

މުސްކުޅި ހަށިގަނޑުގެ ނެތް ހިތްވަރާއެކު ވަރުބަލިކަމާއެކު، މެންދުރުގެ ގަދަ އަވީގައި އޭނާ ސަހަރާއިން ނިކުންނަން ހިގައިގަތެވެ. ޑައިރީވެސް އަތުން ދޫކޮށްލާހިތް ނުވެފަހުރެއެވެ. ބޭނުންވަނީ ކޮންމެވެސް ތަނެއްގައި ހަމަޖެހިގެންއިނދެ އޭގައިވާ އެއްޗެއް ރަގަޅަށް ކިޔާލުމަށެވެ........

ދޮރާއި ހަމައަށްގޮސްފައި ޝާހިދު އަނެއްކާވެސް މަހާނަ ކައިރިއަށް ހިނގައްޖެއެވެ. ދެފިކުރެއްގެ މަތީގައި ހުރެގެންނެވެ. ޑައިރީ އަނބުރާ މަހާނަމަތީގައި ބާއްވަން ޝާހިދުގެ ހިތަށް އަރަމުން ދިޔައެވެ. މަހާނަ ކައިރިއަށް ހުއްޓިހުރެ އޭނާ ވިސްނާލިއެވެ.

މިޑައިރީ ހުޅުވުމުގައިއޮތީ ކޮން ގޯހެއް ހެއްޔެވެ؟

ވިސްނާލުމަށްފަހު ޝާހިދު ޑައިރީ ހުޅުވާލިއެވެ.

އަހަރެންގެ ނަމަކީ ނީޝާއެވެ. ހަޔާތުގައި އަހަރެން އުފުލި ހިތާމަތަކުގެ އަސްލަކީ އަހަންނަށް މީހަކުދެކެ ލޯބިވުމުގެ ޝަޒާއެވެ". ފަލައަކުރުން ލިޔެފައިވެއެވެ.

ޝާހިދު މަޑުމަޑުން މަހާނަކައިރީގައި އިށީދެއްޖެއެވެ. އަދި ޑައިރީގައި ލިޔެފައިވާ ކުދިއަކުރުތަކުން އޭނާ ލިޔެފައިވަނީ ކޮން އެއްޗެއްތޯ އޮޅުންފިލުވުމަށް މަސައްކަތްކުރަން ފަށައިފިއެވެ.

އެއީ މެއި 2008 ވަނަ އަހަރުގެ މޭމަހުގެ ދުވަހެކެވެ. އެދުވަހު އަހަރެން ދުވަހަކުވެސް ނުދެކޭ ޒުވާނަކާ ޤަބޫލުވިއެވެ. ފުރަތަމަ ފެށުމާއެކުވެސް އޭނާއަށް ހިތްދެވުނީ އަމިއްލަ އިޚްތިޔާރުގައެއްނޫނެވެ. އޭނާގެ ކޮންމެ ބަލާލުމަކީ އަހަރެންގެ ހިތަށް އަމާޒުކޮށް ފޮނުވާ ތީރުތަކެކެވެ. އޭނާގެ ތުންފަތުގައި އަބަދު ޤާއިމުވެފައި ހުންނަ ހިނިތުންވުމަކީ އަހަރެންކަހަލަ އެތައްހާސް އަންހެންކުދިންގެ ހިތްތައް ކަތިލެވިދާނެ ޚަންޖަރެކެވެ. މިދުނިޔެމަތީގައި އެފަދަ ދެވަނަ އިންސާނަކު ވާނެކަމަކަށް ހަމަޔަޤީނުންވެސް އަހަންނަށް ޤަބޫލުނުކުރެވޭނެއެވެ.

އެފަދަ ފުރިހަމަ ޒުވާނެއްގެ އުގުތެރޭގައި މަލެއްފަދައިން ފޮޅިލެވޭނެ ކަމަކަށް އަހަރެން ހުވަފެނުގަވެސް ހިޔެއް ނުކުރަމެވެ. އޭނާ ލޯބިހުށަހެޅުމުން އަހަރެންގެ ދުނިޔެ ސުވަރުގެއަށް ބަދަލުވިއެވެ. ޖެހިލުމެއްނެތި އަހަރެގެ މުޅިޖާނާ ފުރާނަ އޭނާއަށް ހިބައިން ދިނީމެވެ".

ޝާހިދު މިހިސާބަށް ކިޔާފައި ވިސްނާލިއެވެ.

" ހާދަ މޮޔަކުއްޖެކެވެ. އެއީ ކޮންކަހަލަ މީހެއްކަންވެސް ނޭގި މުޅި ދިރިއުޅުން އޭނާއާއި ޙަވާލުކޮށްފި. ސަކަރާތް. ދެންވާނީ ކިހިނެތްބާ؟"

ޝާހިދު ކުރިއަށް ގެންދިޔައެވެ.

" އޭނާގެ ލޯބީގައި އަހަންނަށް ދެވުނީ ކިހާހިސާބަކަށްކަންވެސް ނޭގެއެވެ. އަހަންނަށް ޚަބަރުވެސް ނޭގޭ އެތައް އެތައް ކޯރަކުން ފެންބުއީމެވެ. އެކޯރުތަކުގެ ފެން މާމުޔަށްވުރެ ފޮންޏެވެ. އުފަލުން އަހަރެންގެ ހަށިގަނޑުގެ އެކި ގުނަވަންތައް ވަކިވަކިން ނެށިއެވެ. އެލޯބީގައި އަހަރެންގެ އެންމެ އަގުބޮޑު ޚަޒާނާވެސް އޭނާއަށް އެއައްފަހު .......

އާހް. ދެން އައީ ދިރިދިރިފައި މަރުވުމައް މަޖުބޫރުކުޅަ ހިތި ދުވަސްތަކެވެ. ހިތާއެކު މުޅި ޖިސްމުވެސް ފުނޑުފުނޑުވި ހާދިސާއެވެ. ހިތާމަޔާ ވޭނުގެ ރަހަ އިޙްސާސްކުރަން މަޖުބޫރުވި ޙާދިސާ ތަކެވެ".

މާތްކަލާކޯ. އެއީ ހާދަ ނުލަފާ ފިރިހެނެއް. ޝާހިދު ވިސްނާލިއެވެ. އެކަހަލަ ނުބައި މީހުންގެ ސަބަބުން ފުނޑުފުނޑުވެގެން އެދަނީ ކިތައްގޭގެ އަބުރާ ޢިއްޒަތް.

ޝާހިދު އިތުރަށް ޝައުޤުވެރިވިއެވެ. .......

އޭނާގެ ދެފައިގައި ބޮސްދީފަވެސް އާދޭސްކުރީމެވެ. އަހަރެންގެ އަބުރުވެރިކަމާއި، އިތްފަތުގެ ފަސްބައި ދިއްކޮށްފައި ސަލާމްވެސް ޖެހީމެވެ. އެ އަބުރާ އިއްފަތް ރައްކާކޮށްދިނުން އެދިއެވެ. އަހަރެންގެ ލޮލުން އޮހުނު ކަރުނަތައް އޭނާގެ ދެފައިތިލަ ފެންވަރުވަމުން ދިޔައެވެ. އަހަރެން ﷲއަށްޓަކައި އާދޭސްކުރީމެވެ. އަހަރެންގެ ލޯއްބަށްޓަކައި ސަލާމްވެސް ޖެހީމެވެ.

ނަމަވެސް އޭނާ އެއާދޭސްތަކަށް ދިނީ ފުރަގަހެވެ. އަޑުތަކާ ގިސްލުންތަކަށް ދިނީ ބީރު ކަންފަތެކެވެ. އޭނާއަށްޓަކައި އެއީ އާކަމެއްނޫނޭ ބުނަމުންނެވެ. އަހަރެންކަހަލަ އެތައްހާސް އަންހެންކުދިއްނާއެކު އެކަހަލަ ކިތައްމެ ކިތައްމެ ހާދިސާއެއް ހިނގާދިޔަކަމަށް ބުނަމުންނެވެ.

ލިބުނު ކުއްލި ހިތާމައެއްގެ ސަބަބުން އަހަރެން ހޭނެތުނެވެ. އެތައް އިރެއްފަހުން ހޭލެވުނީ އެހެން ދުނިޔެއަކަށެވެ. އަހަރެންގެ މުޅި ދުނިޔެވެސްވަނީ ހީވެސްނުކުރާފަދަ ހިތާމަވެރި ދުނިޔެއަކަށް ބަދަލުވެފައެވެ. އަހަރެންގެ ހިތާމައިގައި މަންމަ ނިޔާވެއްޖެއެވެ. ހޭލެވުނުއިރު މަންމަގެ ޖަނާޒާގެ ކަންތައް ނިމެނީއެވެ.

ކޮންފަދަ ހިތާމަވެރި ކަމެއް ހެއްޔެވެ. މިހުރިހާ ހިތާމަތަކަށް ކެތްކުރެވޭހާބާރެއް އަހަރެންގެ ކިބަޔަކު ނުވެއެވެ. މަންމަގެ ދިރުމެއްނުވާ ލޮލުން އަހަންނާދިމާއަށް ބަލާކަމުގައި އަހަންނަށް ހީވިއެވެ. އަދި އެމަންމަގެ ދުލުން ބުނާކަހަލައެވެ.

" ދަރިފުޅާ ދަރިފުޅު ތިޔަ ނަގާލީ ޙަޔާތުގެ އެންމެ އަގުބޮޑު ޚަޒާނާ. މިހާރު ތިޙަޔާތުގައި ބާކީއޮތީވެސް ކޯއްޗެއް؟"

އަހަރެންނަށް އަޑުގެކޮޅަށް ރޮއެގަނެވިއްޖެއެވެ. ލޮލުން އޮހޮރެމުންދާ ކަރުނަތައް މަންމަގެ ފުރާނަނެތް މޫނަށް އެޅެމުން ދިޔައެވެ. މަންމަގެ ކައްވަޅުގައި މަންމަޔާއެކު ނިދާލުމަށް ހިތްއެދެމުން ދިޔައެވެ. އެމަންމަގެ މުޅި ދިރިއުޅުން ދުއްވާލީ އަހަންނަށްޓަކައެވެ. އަހަރެންގެ އިތްފަތްތެރިކަމާއި އަބުރުވެރިކަން ހިމާޔަށް ކުރުމަށްޓަކައެވެ. ހުރިހާކަމެއް ހަނދާންވާން ފަށައިފިއެވެ.

" ދަރިފުޅަށް އިތުބާރުނުކޮށް މަންމަ އިތުބާރުކުރާނީ ކާކަށް؟" މަންމަ ބުނެފައިވެއެވެ. "އަންހެންކުއްޖެއްގެ ހުރިހާވެސް އެއްޗަކީ އިއްފަތްތެރިކަން".

މާތްކަލާކޯ. އަހަރެންގެ ކަންފަތުގައި މަންމަގެ އަޑު ގުގުމަމުންދިޔައެވެ. އަހަންނަކަށް ކެތެއްނުވިއެވެ. މަންމަގެ ދެފައިގައި އޮޅުލައިގެންފައި މަޢާފަށް އެދެން ފެށީމެވެ. އަދި މަންމަގެ ދެފާގައި މޫނު ހާކަހާކާފައި ރުއީމެވެ. ދެންވީގޮތެއް ނޭގުނެވެ.

މަރުގެ ހަމަހިމޭންކަމުގައި ނިދާލާފަ 1 ހަފްތާވަންދެން އަހަރެން އޮތީމެވެ. ހުއްޓިފައިވާ ކަރުނަތަކަށް ދިރުންލިބި ކޯރެއްގެ ފެންގަނޑުފަދައިން އޮހިގަތުމަށް އަނެއްކާވެސް މަޖުބޫރުވެއްޖެއެވެ. އަހަރެން ޚަބަރު ހުސްވެފައި އޮތުމަށްފަހު ހޭލެވިއްޖެއެވެ. ހޮސްޕިޓަލުގެ ބަލި އެނދެވެ. ކައިރީގައި އޯގާވެރި ނަރުހުން އަހަރެންގެ ފާފަވެރި ހަށިގަނޑުގައި ފިރުމާލަ ފިރުމާލާ އަހަރެންގެ ޚިދުމަތުގައި ތިއްބެވެ. ހަމައެއާއެކު އަހަރެންގެ އެކުވެރި ކުދިންތައް ހިތްހެޔޮކަމާއެކު އޯގާވެރި ބަސްތަކުން އަހަރެންގެ ފާފަތައް ހަނދާން ނައްތާލެވޭތޯ މަސައްކަތްކުރަން ފެށިއެވެ.

އެމީހުންގެ އޯގާވެރިކަމުން އަހަރެންނަށް ލިބެމުންދިޔައީ އިތުރު ވޭންތަކެކެވެ. ލޮލުގެ ސައިލާބު ދިގުލަމުން ދިޔައެވެ. އަދި އެތެރެ ހަށީގަޔާއި ހިތުގައި އަނދަމުންދާ ހިތާމަޔާއި ވޭނުގެ ހުޅުގަނޑު ބޮޑުވަމުން ދިޔައެވެ. އެންމެ ދެރަވެ އަސަރުކުރީ އެންމެންވެސް އަހަންނަށް މާފުކުރީމައެވެ.

1 މަސްދުވަސް ހޮސްޕިޓަލުގައި ހޭދަވުމަށްފަހު އަހަރެން ގެއަށް ފޮނުވައިފިއެވެ. ގޭތެރޭގައި ފުރަތަމަ އެޅި ފިޔަވަޅާއެކު ހިވީ ހިތުގެ ހިނގުން ހުއްޓުނުހެންނެވެ. މަންމަގެ ނިޔަނެތި ސޫރަ ހަމައިސްކޮޅުގައި ކުރިމަތިން ފެންނަން ހުއްޓެވެ. މަންމަގެ މޫނު އުޖާލާ ހަނދެއްފަދައެވެ. މާތްކަމާއި އަބުރުވެރިކަން ހަނދުގެ އަލިކަންފަދައިން ވިދާ ބަބުޅައެވެ. ކޮންފަދަ ނިޔަނެތިކަމެއް ހެއްޔެވެ. އެމާތް އަންހެނާގެ ހިތުގެ ގަނޑުވަރު ފުޑުފުޑުކޮށް އެކަމަށްޓަކައި އުމުރުގައި ފިދާވަމުންއައި މާތްމަޤްސަދު ވިއްސި ވިހާލިކޮށް ބިއްލޫރި ތަކެއްފަދައިން ފުޑުފުޑުކޮށްލީ އަހަރެންނެވެ. އެމަންމަ ނުމަރަކުން މަރާލި މީހަކީވެސް ޚުދު އަހަންނެވެ. އަހަރެންގެ އަމިއްލަ ނަފްސަށް އަހަންނަށް ދުވަހަކުވެސް މަޢާފެއް ނުކުރެވޭނެއެވެ.

މޮޔައަކުފަދައިން މަންމަގެ ފޮޓޯގައި އަހަރެން ބޮސްދެމުން ދިޔައީމެވެ. އަދި ފޮޓޯ ލޯގަޑުގައި ބޯތަޅާފަ ރޮމުންދިޔައީމެވެ. އަހަރެންގެ ލޮލުން އޮހޮރެމުންދާ ކަރުނަތައް އަހަރެންގެ ނަފުސުގައިވާ ހުރިހާ ކިލަބުކަމެއް ދޮވެލަން އުޅޭކަހަލައެވެ. އަހަރެން އަޑުންއަޑުނަގާ ރޮމުންދިޔައީމެވެ. އިރުކޮޅަކުން ބޯއަބުރަން ފެށިއެވެ. އަނެއްކާވެސް އަހަރެން ޚަބަރު ހުސްވެއްޖެއެވެ. ........

1 comment:

Anonymous said...

...please where can I buy a unicorn?