Monday, August 30, 2010

Promoting jealousy in the name of journalism


ނޫސްވެރިކަމުގެ ނަމުގައި ޒާތީ ހަސަދަ ފިލުވުން...!
ނޫސް ވެރިކަމަކީ ތަނެއް ކުރިއަރައި ތަރައްގީގެ ރޮނގުން ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކޮށް ދިއުމަށް މަގުފައި ކޮށްދޭނެ އެންމެ ބޮޑު އެއް ވަސީލަތެވެ. މިހާރުގެ ގާނުނު އަސާސީ އިން ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ލިބިދީފައި ވާއިރު، އަޅުގަނޑުގެ ހިތުން އެމިނިވަންކަން ދެވިފައިވާ މިންވަރަކީ ގައުމެއްގައި އެ މިނިވަންކަން ދެވޭނެ އެންމެ ފުޅާމިނެވެ.
މިއަދުގެ މުޖުތަމައުގައި ހަމަ ކޮންމެ މީހަކު ވެސް މިނިވަން ޚިޔާލު ފާޅުކުރަން ބޭނުން ވާއިރު، އަޅުގަނޑުމެން ވިސްނާލަން ވާނެ ކަމަކީ ޚިޔާލުފާޅު ކުރުމުގެ ހައްގުން އަޅުގަނޑުމެންނަށް މަންފާތަކެއް ލިބުނު ކަމުގައި ވިއަސް އަދި އެ މިނިވަންކަން ދުލާއި ޤަލަމުން ނުވަތަ މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ލިބިފައި ވިއަސް ހަމަ އެމިނިވަން ކަމުގައި ރައްކާތެރިވާންޖެހޭ އެހެން މީހުންގެ ހައްގުތަކެއްވާކަމެވެ. އަދި ރައްކާތެރިކުރަންޖެހޭ އެހެން މީހުންގެ މަސްލަހަތުތަކެއްވެސް ވާކަމެވެ.
އިންސާނާގެ އަބުރާއި އިއްޒަތާއި އިންސާނީ ކަރާމާތްތެރިކަމަކީ މިދެންނެވި ޚިޔާލުފާޅުކުމުގެ މިނިވަންކަމުން ނިގުޅައިގަނެވިގެންވާނެ އެއްޗެއް ނޫނެވެ. މިހެންވީ ހިނދު ތިމާގެ ދުލުކުރިއަށް ނުވަތަ ގަލަމުގެ ތުނޑަށް ގެނެވޭ ހަމައެންމެ ލަފްޒަކުންވެސް މިދަންނަވާ އަބުރާއި އިއްޒަތާއި އިންސާނީ ކަރާމާތްތެރިކަން ގެއްލި ބައެއްގެ ނުވަތަ ވަކި ފަރުދެއްގެ އިއްޒަތާއި އިމްތިޔާޒުތައް ގެއްލިދާނެ ކަމަށް ވިސްނަންވާނެއެވެ.
ދިވެހިރާއްޖޭގައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބޭނުން އެންމެ ބޮޑަށް ހިއްސާކުރަނީ ނޫސްވެރިކަމުގެ ސަބަބުން ކަމަށް ވާއިރު ކުރިން މިބުނެވިދިޔަ މަސްލަހަތުތައް ހިމާޔަތް ކުރުމުގެ ޒިންމާ އެންމެ ބޮޑަށް އެޅިފައިވަނީ ނޫސްވެރިން ނުވަތަ ލިޔުންތެރީންގެ ކޮނޑުގައެވެ.
ކަންމިހެން އޮތްއިރު ހަމަކޮންމެ ނޫސްވެރިޔަކީ ވެސް ހަރުދަނާ ޒިންމާދާރު އެހެން މީހުންގެ ހައްގުތަކަށް އިޚްތިރާމް ކުރާ މީހަކަށް ވާން ވާނެއެވެ. ތިމާއަށް ލިޔެވޭ ލިޔުމަކީ ލިޔުންތެރިކަމުގެ ވައްޓަފާޅިއަށް ފެތޭ ލިޔުމެއްކަން ފަހުމްވާނެ ވަރުގެ ލިޔުންތެރިއަކަށް ވާންވާނެއެވެ.
މި ލިޔުން އަޅުގަނޑު ލިޔުމުގެ މަޤްސަދަކީ އަޅުގަނޑު މިހާރު ކިޔަވަމުން މިގެންދާ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯވ ގައި ދެނަމެއްގައި ދެ ނޫހެއް ނެރެވި އަދި މިދެ ނޫހަކީވެސް އަޅުގަނޑުގެ ނަޒަރުގައި ވަރަށް ޒިންމާދާރުކަން ކުޑަ ނޫސްވެރިކަމުގެ ސުލޫކާއި މިންގަޑަށް ވެސް ނުފެތޭ ދެނޫސް ކަމަށް ގަބޫލް ކުރެވި، ދަރިވަރެއްގެ ހައިސިއްޔަތުން އެދެނޫސް ހިންގަވާ ބޭފުޅުންނަށް ޚިޔާލެއް ފޯރުކޮށްދިނުމުގެ އުންމީދުގައެވެ. އަދި ނޫސްވެރިކަމަކީ ޒާތީ ހަސަދަ ފިލުވުން ނޫންކަން ހަނދާން ކޮށްދިނުމަށެވެ.
މާތްﷲ ގެ އިރާދަފުޅާއެކު ދެން ލިޔާ ލިޔުމެއްގައި މިދެނޫހާ ބެހޭ ގޮތުން އަލިއަޅުވާލާނަމެވެ.

Thursday, August 5, 2010

FSL - with a new Dean


އާ ޑީން އަކާއެކު، ފުރިހަމަ ޒިންމާދާރު މެނޭޖްމެންޓެއްގެ އުންމީދުގައި!

ލިޔުނީ : ސްމޯކްސްކުރީނަރ

މައުޟޫއާއިގެން ކުރިއަށް ދިއުމުގެ ކުރިން ފާއިތުވެދިޔަ އަހަރުތަކުގައި ފެކަލްޓީ އޮފް ޝަރިއާ އެންޑް ލޯވގެ ޑީން ކަން ކުރައްވައި ފެކަލްޓީއަށް ނުހަނު އަގުހުރި ހިދުމަތް ކުރައްވާފައިވާ، އަދި އެބޭފުޅެއްގެ ނަންއިވުމުން އަޅުގަނޑުމެން ކޮންމެ ދަރިވަރަކުވެސް އުފަލާއެކު ފަޚުރުވެރިވާ ފެކަލްޓީގެ ކުރީގެ ޑީން އަދި މުދައްރިސް އައްޝޭޚް ފައްޔާޒް އަލީ މަނިކް ފެކަލްޓީއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާ ކުރަމުން އަދި ހަމައެހެންމެ އެބޭފުޅާ މިހާރު ކޮލެޖްގެ ވައިސް ރެކްޓަރ ކަމަށް ހޮވިވަޑައިގެންފައިވާ ކަމަށްޓަކައި މަރުހަބާ ކިޔަމެވެ.

ޝަރިއާ އާއި ޤާނޫނު ކިޔަވާ ކުއްލިއްޔާއެއްގެ ޑީން އެއްގެ މަގާމުގައި ހުރުމަކީ ހަގީގަތުގައި ވެސް ވަރަށް ބުރަ މަސްއޫލިއްޔަތެކެވެ. މިކަން އެނގިހުރެ މިކަމާ ކުރިމަތިލައި އަޅުގަނޑުމެންގެ ޑީން އަކަށް ވެވަޑައިގެންނެވި އަލްއުސްތާޒާ އަޒްމިރަލްޑާ ޒާހިރު އެމަގާމަށް ހޮވުނު ކަމަށްޓަކައި އެކަމަނާފާނަށް ވެސް ތަހުނިޔާ އާއި މުބާރަކް ބާދީ ހިތުގެ އެންމެ ފުންމިނުން އަރިސް ކުރަމެވެ.

އަޅުގަނޑުމެންގެ ފެކަލްޓީގެ ތެރޭގައި މަދުން ނަމަވެސް ބައެއްފަހަރު ކުދި މައްސަލަ އަނެއްބައި ފަހަރު ބޮޑެތި މައްސަލަ ހުންނަކަމީ އަޅުގަނޑުގެ ހިތުން ފެކަލްޓީގެ ކޮންމެ ދަރިވަރަކުމެ ގަބޫލް ކުރާނެ ހަގީގަތެކެވެ. މެނޭޖްމެންޓްގެ މައްސަލަ ތަކާހެދި ބައެއް ދަރިވަރުނަށް އިމްތިހާނުގައި ބައިވެރިނުވި އަދި ބައެއް ދަރިވަރުން އިތުރު ސެމިސްޓަރ ތަކުގައި ކިޔަވަން ޖެހުމުން މާޔޫސް ވެފައިވާތަން ދެކުނީމެވެ. އެފަދަ ދަރިވަރުންގެ ޝަކުވާތައް ގިނަފަހަރު އޮންނަނީ މާބޮޑު ކަމަކަށް ނުހެދި އެންމެ ފަހުން ގޮސް ނުދައްކާ ވާހަކަ އަކަށް ވެފައެވެ.

ފެކަލްޓީގެ ތެރޭގައި ކިޔަވާ ގަޑިތައް އޮންނަ ގޮތުން، މާއްދާތަކުން ގަޑިހަމަ ކުރުމާއި، ކުލާސްތައް ކެންސަލްވުމާއި ކިޔަވައިދޭ މާއްދާގެ ސިލަބަސް ނުވަތަ މުޤައްރަރު ކަވަރު ކުރެވުމަކީ ހަގީގަތުގައިވެސް މާބޮޑު ޝައުގުވެރިކަމެއް ނުދެވި ބޮލުން ކަޓުވާލެވޭ ކަންތަކެވެ.

ފެކަލްޓީގެ ތެރޭގައި ހެދުން އެޅުމުގެ ޤަވާއިދެއް އޮވެމެ، އެޤަވާއިދުގެ ދަށުން ފާއިތުވެދިޔަ އަހަރުގައި ބައެއް ކުދިންނަށް އަދަބުދެވި ޑިސިޕްލިން ފޯމް ފުރުވައި، އަދި އެޤަވާއިދަކީ މިހާރުވެސް ގިނަ ދަރިވަރުންތަކެއްގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް ހުރި ޤަވާއިދަކަށް ވީހިނދު، މިއަދަށްވެސް މިދަންނަވާ ޤަވާއިދަކާ ބެހޭގޮތުން ގޮތެއް ނުނިމި އެބަޔަކު "ހިތަށްއެރީމާ އަމަލު ކުރާއެއްޗެއް"ގެ ގޮތުގައި ޤާނޫނީ ދާއިރާގެ ފެކަލްޓީއެއްގައި އޮތުމަކީ ވަރަށްވެސް ޒިންމާދާރުކަން ކުޑަކަމެކެވެ.

ފެކަލްޓީގައި މާސިންގާ ކޮމްޕިޓަރު ލެބެއް ހުރެމެ، އެލެބުން ދެތިން ކޮމްޕިޓަރު މަސައްކަތްކުރުމަކީ އަޅުގަނޑުމެން އަބަދުވެސް ވަރަށް ހިތާމަ ކުރަމުން އަންނަ ކަމެކެވެ. ކުރީގެ ޑީން އެންމެ ފަހުން ބޭއްވި ފެކަލްޓީގެ ބައްދަލުވުމުގައި ކޮމްޕިއުޓަރު ލެބަށް ރަނގަޅު ގޮތެއް ހައްދަވައި ދެއްވާނެ ކަމަށް ވިދާޅުވެ އެބޭފުޅާގެ ދައުރުގައި ސިއްކަ ޖެހުނު އިރުވެސް ކޮމްޕިއުޓަރު ލެބަށް ރަނގަޅުގޮތެއްނުވެ ދައުރު ނިމުމަކީ އެކަމަކާ ދަރިވަރުން ހިތާމަކުރި ކަމެކެވެ.

ފެކަލްޓީގެ އެތެރޭގައި ކެންޓީނެއް ހެދުމުގެ ވާހަކައާއިމެދު ވިސްނާލީމަ ހިތަށް އަރަނީ ގަރުނެއްވެއްޖެ ވާހަކައެއް ހެންނެވެ! ހަމައެހާވެސް ގިނަ ދުވަސްވީއެވެ! އެއްފަހަރަކު ހަވީރު ނޫހުގައި އެކަން ކުރަން ބޭނުންވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލާފައި އޮތެވެ! ނަމަވެސް އަދިއަދަށް ދާންވެސް އެކަމުގެ މައުލޫމާތު އޮތީ ފެކަލްޓީގެ ބޮޑަށް ތިއްބެވި ބޭފުޅުންގެ ބަނޑުތެރޭގައެވެ.

ހައްތަހާވެސް މައްސަލައެވެ! އެހެން ނޫންތޯއެވެ! އަޅުގަނޑުމެންގެ އުންމީދަކީ އަދި ދުޢާއަކީ އަޅުގަނޑުމެންނަށް ލިބުނު އާޑީންއާއެކު، އާމެނޭޖެމެންޓާއި އެކު މިފަދަ މައްސަތަކުން އެއްކިބާ ވެފައިވާ ތާހިރު ވެއްޓެއް ފެކަލްޓީގައި ގާއިމްވުމެވެ. ޒިންމާނަގާ ޒިންމާ އަދާކުރާ މެނޭޖްމެންޓެއް ލިބުމެވެ! މަސްއޫލިއްޔަތު ފުރިހަމަ އަށް އަދާކުރާ ހީވާގި މެނޭޖްމެންޓެއް ލިބުމެވެ! އާޑީންއަށް އަޅުގަނޑުމެންގެ ފަރާތުން އޮތް އިލްތިމާސްއަކީ މިއީއެވެ. އަޅުގަނޑުމެން މިތިބީ އާޑީން އަކާއެކު ފުރިހަމަ ޒިންމާދާރު މެނޭޖްމެންޓެއްގެ އުންމީދުގައެވެ.