Monday, August 30, 2010

Promoting jealousy in the name of journalism


ނޫސްވެރިކަމުގެ ނަމުގައި ޒާތީ ހަސަދަ ފިލުވުން...!
ނޫސް ވެރިކަމަކީ ތަނެއް ކުރިއަރައި ތަރައްގީގެ ރޮނގުން ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކޮށް ދިއުމަށް މަގުފައި ކޮށްދޭނެ އެންމެ ބޮޑު އެއް ވަސީލަތެވެ. މިހާރުގެ ގާނުނު އަސާސީ އިން ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ލިބިދީފައި ވާއިރު، އަޅުގަނޑުގެ ހިތުން އެމިނިވަންކަން ދެވިފައިވާ މިންވަރަކީ ގައުމެއްގައި އެ މިނިވަންކަން ދެވޭނެ އެންމެ ފުޅާމިނެވެ.
މިއަދުގެ މުޖުތަމައުގައި ހަމަ ކޮންމެ މީހަކު ވެސް މިނިވަން ޚިޔާލު ފާޅުކުރަން ބޭނުން ވާއިރު، އަޅުގަނޑުމެން ވިސްނާލަން ވާނެ ކަމަކީ ޚިޔާލުފާޅު ކުރުމުގެ ހައްގުން އަޅުގަނޑުމެންނަށް މަންފާތަކެއް ލިބުނު ކަމުގައި ވިއަސް އަދި އެ މިނިވަންކަން ދުލާއި ޤަލަމުން ނުވަތަ މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ލިބިފައި ވިއަސް ހަމަ އެމިނިވަން ކަމުގައި ރައްކާތެރިވާންޖެހޭ އެހެން މީހުންގެ ހައްގުތަކެއްވާކަމެވެ. އަދި ރައްކާތެރިކުރަންޖެހޭ އެހެން މީހުންގެ މަސްލަހަތުތަކެއްވެސް ވާކަމެވެ.
އިންސާނާގެ އަބުރާއި އިއްޒަތާއި އިންސާނީ ކަރާމާތްތެރިކަމަކީ މިދެންނެވި ޚިޔާލުފާޅުކުމުގެ މިނިވަންކަމުން ނިގުޅައިގަނެވިގެންވާނެ އެއްޗެއް ނޫނެވެ. މިހެންވީ ހިނދު ތިމާގެ ދުލުކުރިއަށް ނުވަތަ ގަލަމުގެ ތުނޑަށް ގެނެވޭ ހަމައެންމެ ލަފްޒަކުންވެސް މިދަންނަވާ އަބުރާއި އިއްޒަތާއި އިންސާނީ ކަރާމާތްތެރިކަން ގެއްލި ބައެއްގެ ނުވަތަ ވަކި ފަރުދެއްގެ އިއްޒަތާއި އިމްތިޔާޒުތައް ގެއްލިދާނެ ކަމަށް ވިސްނަންވާނެއެވެ.
ދިވެހިރާއްޖޭގައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބޭނުން އެންމެ ބޮޑަށް ހިއްސާކުރަނީ ނޫސްވެރިކަމުގެ ސަބަބުން ކަމަށް ވާއިރު ކުރިން މިބުނެވިދިޔަ މަސްލަހަތުތައް ހިމާޔަތް ކުރުމުގެ ޒިންމާ އެންމެ ބޮޑަށް އެޅިފައިވަނީ ނޫސްވެރިން ނުވަތަ ލިޔުންތެރީންގެ ކޮނޑުގައެވެ.
ކަންމިހެން އޮތްއިރު ހަމަކޮންމެ ނޫސްވެރިޔަކީ ވެސް ހަރުދަނާ ޒިންމާދާރު އެހެން މީހުންގެ ހައްގުތަކަށް އިޚްތިރާމް ކުރާ މީހަކަށް ވާން ވާނެއެވެ. ތިމާއަށް ލިޔެވޭ ލިޔުމަކީ ލިޔުންތެރިކަމުގެ ވައްޓަފާޅިއަށް ފެތޭ ލިޔުމެއްކަން ފަހުމްވާނެ ވަރުގެ ލިޔުންތެރިއަކަށް ވާންވާނެއެވެ.
މި ލިޔުން އަޅުގަނޑު ލިޔުމުގެ މަޤްސަދަކީ އަޅުގަނޑު މިހާރު ކިޔަވަމުން މިގެންދާ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯވ ގައި ދެނަމެއްގައި ދެ ނޫހެއް ނެރެވި އަދި މިދެ ނޫހަކީވެސް އަޅުގަނޑުގެ ނަޒަރުގައި ވަރަށް ޒިންމާދާރުކަން ކުޑަ ނޫސްވެރިކަމުގެ ސުލޫކާއި މިންގަޑަށް ވެސް ނުފެތޭ ދެނޫސް ކަމަށް ގަބޫލް ކުރެވި، ދަރިވަރެއްގެ ހައިސިއްޔަތުން އެދެނޫސް ހިންގަވާ ބޭފުޅުންނަށް ޚިޔާލެއް ފޯރުކޮށްދިނުމުގެ އުންމީދުގައެވެ. އަދި ނޫސްވެރިކަމަކީ ޒާތީ ހަސަދަ ފިލުވުން ނޫންކަން ހަނދާން ކޮށްދިނުމަށެވެ.
މާތްﷲ ގެ އިރާދަފުޅާއެކު ދެން ލިޔާ ލިޔުމެއްގައި މިދެނޫހާ ބެހޭ ގޮތުން އަލިއަޅުވާލާނަމެވެ.

No comments: