Wednesday, September 1, 2010

My sincere suggestion!


އަޅުގަނޑުގެ ޙިޔާލު!

ތަފާތު ދެނޫހެކެވެ! އެކައްޗަކީ "ހޮޅުއަށި" މިނަމުގައި ނެރެވޭ ނޫހެކެވެ. އަނެއް ނޫހަކީ "ބުންޏޭ ބުންޏޭ" މިނަމުގައި ނެރެވޭ ނޫހެކެވެ. ހޮޅުއަށީގައި ދެއަދަދު ނެރެވިފައިވާ އިރު އަނެއް ނޫހުގެ އަދި ނިކުމެފައިވަނީ އެންމެ އަދަދެކެވެ.

މަގްސަދެއް ނުވަތަ ލަނޑުދަނޑިއެއް ނެތުން.
ހަގީގަތަށް ބުނާނަމަ ހިންގުންތެރި ހަރުދަނާ ނޫހެއް ނެރޭނަމަ އެނޫހުގެ މަގްސަދު ހާމަވެފައި ނުވަތަ އެންގިފައި ވުމަކީ ހަމަ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. ސަބަބަކީ މަގްސަދެއް ނުވަތަ ލަނޑުދަނޑިއެއްނެތި ނެރެވޭ ނޫހަކީ އެއްވެސް އޮއްޓަރެއް ނެތް ބޭކާރުއެއްޗަކަށް ވާތީއެވެ. ހަމަ ކޮންމެ ކަމަކީވެސް ވަކި އުސޫލްތަކަކާ ހަމަތަކެއްގެ މަތިން ކުރާން ވާނެ ކަމެކެވެ. އަޅުގަނޑު ހިތުން ނޫހަކީ ވަކި މަންފާތަކެއް ހާސިލްކޮށް ވަކި މަގްސަދުތަކެއް ފުރިހަމަ ކުރުމަށް ނެރެން ޖެހޭ އެއްޗެކެވެ. ކަންމިހެން އޮތަސް މިހާރު ނެރެވެމުން މިދާ ދެނޫހަކީ އެފަދަ މަގްސަދެއް އޮތްކަން ނުވަތަ ނެތްކަން ވެސް ނޭގި ނެރެވޭ އެއްޗެކޭ މިބުނަނީ ހިތާމަ ކުރަމުންނެވެ.

ކިޔަވައިދޭ މަރުކަޒެއްގެ ތެރޭގައި ނަމަ އެތަނުގެ ދަރިވަރުންގެ މެދުގައި ނެރެވޭ ނޫހެއް ނަމަ އެނޫސް ވާންވާނީ އެތަނުގެ ފެންވަރު މަތިކޮށް، ފޫނުބެދޭ ކަންކަން ހައްލު ކުރުމަށް ބާރުއަޅާ، ކުދިންގެ ގުޅުން ބަދަހި ކުރާ އެކުރެވިވުމަށް ބާރުއަޅާ ނޫހަކަށެވެ.

ވަކިބަޔަކު ކަން ނޭގޭގޮތަށް ނެރުން ބުއްދިވެރިބާ!
ވަކި ބަޔަކު ކަން ނޭގޭގޮތަށް ނޫސް ނެރުމަކީ ހަގީގަތުގައި މާބޮޑު މައްސަލައެއް ނޫނެވެ. ނަމަވެސް މިކަން މައްސަލައަކަށް ވާހިސާބެއް ވެސް އާދެއެވެ. ހަނދާނަށް އަންނަނީ ޓީވީއެމް ނުވަތަ މިހާރުގެ އެމްއެންބީސީ ވަން އިން ދައްކާ ސިޔާސީ ޕްރޮގްރާމް ތަކެވެ. ކޮންމެ ޕްރޮގްރާމެއް ފެށުމުގެ ކުރިން "މި ޕްރޮގްރާމްގައި ދައްކާ ވާހަކަ ތަކަށް ޒިންމާ ނަގާނީ މިގަޑި ގަނެފައިވާ ފަރާތުން" އަރާނެވެ. ގިނަ ދިވެހިންނަށް ވަރަށް ރީޒަނަބަލް ވާހަކައެކެވެ. ނަމަވެސް ހަގީގަތަކީ އެޒިންމާގައި އެގަޑި ވިއްކި ފަރާތް ވެސް ޝާމިލްވާކަމެވެ.

އަދި ވެސް އެއްވާހަކަ ހަނދާނަށް އާދެއެވެ. މިނިވަން ނިއުސްގައި އިސްލާމްދީނާއި ދެކޮޅު ލިޔުމެއް ލިޔެގެން ވަރަށް ގިނަ މީހުން އެކަމާ ނުރުހުން ފާޅު ކުރިއެވެ. އެނޫހުން ބުނަނީ އެއީ ކިޔުންތެރިއަކު ފޮނުވި ލިޔުމެއްކަމަށެވެ. ކިޔުންތެރިއަކު ގާނޫނު އަސާސީ އާއި ޚިލާފު ލިޔުމެއް ފޮނުވައިގެން އެނޫހުން އެލިޔުން ޝާއިރު ކުރުމުން ނޫހުގެ މައްޗަށް އޮތް ގާނޫނު އަސާސީއާއި ޚިލާފު ލިޔުމެއް ޝާއިރު ކުރުމުގެ ޒިންމާއިން ރެކިގަނެވޭތޯއެވެ؟

ބުނަން މިއުޅެނީ ވަކިބަޔަކު ކަންނޭގޭ ގޮތަށް ނޫސް ނެރުނަސް ލިޔުންތެރިކަމުގެ ނުވަތަ ނޫސްވެރިކަމުގެ ވައްޓަފާޅިއާއި ޚިލާފުވެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ތައާރުޒު ވާނަމަ އެހިސާބުން ވަކިބަޔަކުކަން ނޭގި ލިޔުން މައްސަލައަކަށްވާ ހިސާބަށް ދަނީއެވެ.
ނެރެވޭ ދެ ނޫހުގެ އޮއެވަރު ހުރީ ކޮންދިމާލަކަށްބާ!
މައިގަނޑު ގޮތެއްގައި ދެނޫހުގެ މިސްރާބު ހުރީވެސް ފެކަލްޓީގައި ތުންތުން މަތިން ދެކެވޭ ޒާތީ މައްސަލަ ތަކަށް ބިނާވެފައެވެ. މީގެ އިތުރުން "ހޮޅުއަށި" މިނޫހުގައި ކިޔަވައި ދިނުމުގެ މައްސަލަތަކަށާއި އިދާރީ މައްސަލަ ތަކަށް އަލިއަޅުވާލާފައި ވެއެވެ. އެހެން ނަމަވެސް އެ ލިޔުންތެރިން އެކަން ގެނެސްފައި ވަނީ "މައްސަލަތައް ހައްލު ކުރުމަށް ސުލްހަވެރިކަމާއެކު ވާހަކަދެއްކުން" މި ޙިޔާލު ދޫކޮށް ފާޑު ކިޔުމާއި ހަޖޫ ޖެހުމުގެ ގޮތަކަށެވެ. އަދި ޒާތީ ވާހަކަތައް ގެނެސްފައި ވާގޮތުން އިސާހިތަކު ފިތުނަވެރިކަމެއް އަތުވެދާނެކަމުގެ ބިރުހީވެދާ ގޮތަކަށެވެ.

ދާންވީ ކޮން މިސްރާބަކަށް!
އަޅުގަނޑަށް ފެންނަ ގޮތުގައި އެންމެ ރަންގަޅު ގޮތުގައި ފެކަލްޓީގެ ތެރޭގައި ނޫހެއް ނެރޭނަމަ، އެނޫހުގެ މިސްރާބު ބައްޓަން ކުރަންވީ އެކުލުންތެރިކަމާއި އެއްބާރުލުން ގެނުވައިދޭ ނޫހަކަށެވެ. ލިޔުންތެރީންނަކީ ކޮންބަޔެއްކަން އެނގޭ ހަރުދަނާ ޒިންމާދާރު ނޫހަކަށެވެ. ކިޔަވައި ދިނުމާއި އިދާރީ ގޮތުން ޖެހޭ މައްސަލަތައް ހައްލު ކުރުމަށް ދަރިވަރުންގެ ފަރާތުން އެއްބާރުލުން ލިއްބައިދޭ އިތުރު ޚިޔާލް ފޯރުކޮށްދޭ ނޫހަކަށެވެ.

މުސްތަގުބަލުގައި ވެސް މި ދެނޫސް މިފަދަ ދެނޫހަށް ވާނެ ކަމަށް އުންމީދު ކުރަމެވެ. ކާމިޔާބު ކަމާއެކު ނެރެވޭ ދަރިވަރުންގެ މެދުގައި މަގްބޫލު ނޫހަކަށް ވާނެ ކަމަށް ދެކެމެވެ.

No comments: