Wednesday, September 29, 2010

Importance of shari'ah as a source of law



މަސްދަރެއްގެ ގޮތުގައި އިސްލާމީ ޝަރީއަތުގެ މުހިންމުކަން

ދިވެހިރާއްޖޭގައި އިސްލާމީ ޝަރީއަތަށް އަމަލުކުރެވެން ފެށުނީ، ހިޖްރައިން 548 ވަނަ އަހަރު (މީލާދީން 1153 ވަނަ އަހަރު) ދިވެހިރާއްޖޭގެ ރަދުން އިސްލާމްވެ ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީންކަމަށް ހަމަޖެހުމާއިއެކުއެވެ. އިސްލާމްވުމަށްފަހު ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ޝަރީއަތެވެ. ނަމަވެސް ކުރިއްސުރެ ހިނގަމުންއައި ބައެއްއާދަކާދަތައް ބަދަލެއްނައިސް ހިނގަމުން އައެވެ. އަދި ބައެއް އާދަކާދަތައް ބަދައެއް އައުމަކާއި ލުނައި ވެސް ހިންގައިފައިވެއެވެ.

މިހާރުގެ ޤާނޫނު އަސާސީން ދިވެހިރާއްޖޭގެ ގާނޫނީ މަސްދަރުތައް އެމަސްދަރުތަކުގެ މުހިންމު ކަމުގެ މައްޗަށް ބަލާފައި އެ ހައިރާރކީގެ ދަށުން އަތުރާލާނަމަ އިސްލާމީ ޝަރީއަތަކީ އެންމެ މުހިންމު މަސްދަރުކަމުގައި ބުނެވިދާނެއެވެ. މީހެ އެއްހެއްކަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ވާންޖެހެނީ އިސްލާމީ ޝަރީއަތާ ޚިލާފުވެގެން ނުވާނެއެއްޗަކަށެވެ. ހަމައެހެންމެ ޤާނޫނު ތަކާއި ޤާނޫނުން ބާރު ލިބިގެން ހަދާ ގަވާއިދުތައްވެސް ވާން ޖެހެނީ އިސްލާމީ ޝަރީއަތުގައި އަންގަވާފައިވާ ގޮތާއި ތަޢާރުޒު ވެގެން ނުވާނެ އެއްޗެއްސަށެވެ.

ޤާނޫނު އަސާސީގައި ބަޔާން ވެގެން ވަނީ އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރު ކަމުގައެވެ. އަދި ހަމައެފަދައިން ވަނީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފުއެއްވެސް ޤާނޫނެއް ނުހެދޭނެ ކަމުގައެވެ.

އަސާސީ ހައްގުތަކާއި މިނިވަންކަން ލިބިދިނުމުގައިވެސް ޤާނޫނު އަސާސީ ކަވަރުކޮށްދެނީ އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާނޭ ގޮތުގެ މަތިން އެހައްގުތަށް ކޮންމެ މީހަކަށްމެ ލިބިގެންވާކަމެވެ. ރައްޔިތުންގެ މަޖިލީހަށް ޤާނޫނު ހެދުމުގެ ބާރު ލިބިދިނުމުގައި ވެސް ބޭނުންވެއްޖެ ކޮންމެ ކަމަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޤާނޫނު ހެދުމާއި، ޤާނޫނުނަށް ބަދަލުގެނައުމާއި އަދި ޤާނޫނު ބާތިލް ކުރުމުގެ ބާރު ލިބިދީފައި ވަނީ ވެސް އިސްލާމްދީނުގެ އަސްލަކާ ޚިލާފް ނުވާނޭ ގޮތުގެ މަތިންނެވެ.

ޤާނޫނު އަސާސީގައި ފަނޑިޔާރުން ކަންތައްކުރަންވާނެ ގޮތް ބަޔާންކޮށްދެމުން ބުނެފައިވަނީ، ފަނޑިޔާރުން އަމަލު ކުރަންވާނީ ޤާނޫނު އަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައެޅިފައި ނުވާ ކަންކަމުގައި، އިސްލާމީ ޝަރީއަތުގައި އެކަމެއް ކަނޑައެޅިފައިވާގޮތަށް ރިޢާޔަތް ކޮށްކަމަށެވެ.
ޤާނޫނު އަސާސީގެ އެކިއެކި މާއްދާތަކުގައި ޤާނޫނު އަސާސީ އަށް ކިޔަމަން ގަތުމަށް އެންގިފައިވާއިރު، އަދި ހުރިހާ ފަރާތްތަކަށް (މިސާލަކަށް ރައީސުލް ޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލިސް، ވަޒީރުންގެ މަޖިލިސް، މިނިވަން މުސްތަގިއްލު މުއައްސަސާ ތަކާއި މަގާމްތައް) ޤާނޫނު އަސާސީއާއި އެއްގޮތަށް ކަންތައް ކުރުމަށް އެންގިފައިވާއިރު، ޤާނޫނު އަސާސީގެ 10 ވަނަ މާއްދާއާއި ކުރިން ބުނިހާ މާއްދާތަކާ އަޅާކިޔާލުމުން އެންގެނީ އިސްލާމީ ޝަރީއަތަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ އެންމެ މުހިންމު މަސްދަރު ކަމުގައެވެ.

ކުރީގެ ލިޔުއްވުން ތަކުން އެނގޭ ގޮތުގައި ދިވެހިރާއްޖެއަށް އިސްލާމްދީން އައުމަށްފަހު ދިވެހިރާއްޖޭގައި ފަނޑިޔާރުންނާއި ނާއިބުން މައްސަލަ ނިންމެވުމުގައި ބައްލަވަމުން ގެންދެވި އެންމެ އިސްއެއް މަސްދަރަކީ އިސްލާމީ ޝަރީއަތްކަމެވެ. ނަމަވެސް 1932ވަނަ އަހަރުގެ ޤާނޫނު އަސާސީ އަށް އަމަލު ކުރަން ފެއްޓުމާއި އެކު ދިވެހިރާއްޖޭގެ ޤާނޫނުގެ އެންމެ އިސްމަސްދަރަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ކަމުގައި ކަނޑައެޅުނެވެ. އެހެންނަމަވެސް މިހާރު އަމަލު ކުރެވެމުންދާ 2008ގެ ޤާނޫނު އަސާސީ ގައި ވަރަށް ސާފު ބަހުން ވަނީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރަކީ އިސްލާމްދީން ކަމުގައި ބުނެފައެވެ.

މައްސަލަތައް ފައިސަލާ ކުރުމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން އަމަލު ކުރަނީ، ފުރަތަމަ އެމައްސަލައިގެ ހައްލު ޤާނޫނު އަސާސީއާއި ޤާނޫނުން ނުވަތަ ޤާނޫނުން ބާރު ލިބިގެން ހެދިފައިވާ ގަވާއިދަކުން ނުލިބިއްޖެ ނަމަ ދެން ރުޖޫޢަވަނީ އިސްލާމީ ޝަރީއަތުގައި އެކަމަކާ ގުޅޭ ގޮތަކުން ބަޔާންކޮށްފައިވާ ގޮތަށެވެ.

ދިވެހިރާއްޖޭގައި ބައެއް ޖިނާއީ މައްސަލަތުގައި އިސްލާމްދީނުގައި މަނާ ކުރައްވާފައިވާ ކަންތަކުގައި އެކަމަކީ މަނާކަމެއްކަން އަންގައިދޭ ގާނޫނެއް ހެދި އާންމުކޮށްފައި ނުވުމުން ބައެއް މައްސަލަތައް ބެލެވެންނެތް ކަމަށް ކަނޑައަޅުއްވާފައިވެއެވެ. އަދި މިފަދަ މައްސަލަތައް ހައިކޯޓުން އެމައްސަލަ އަލުން ބައްލަވައި އިސްލާމީ ޝަރީއަތާ އެއްގޮތަށް ނިންމަވާފައި ވެއެވެ.

މީގެ އެއް މިސާލަކީ ހައިކޯޓްގެ ގަޟިއްޔާ ނަމްބަރު 310/ HC-A/ 2009 އެވެ. (ސުލްހަތު ޢަބުދުﷲ ގެ މައްސަލަ) އެމައްސަލާގައި ޖިނާއީ ކޯޓުން ނިންމާފައި ވަނީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވާފައިވާ ގޮތަކީ ކޮބައިތޯ ބެއްލެވުމެއް ނެތި، "ހޭއަރުވާލާނަމޭ" ބުނެ އިންޒާރުދީ ބިރުދެއްކުމަކީ މަނާކަމެއްކަން އަންގައިދޭ ގާނޫނެއް ހެދި އާންމުކޮށްފައި ނެތުމުންނެވެ. ހައިކޯޓުގެ ހުކުމްގައި ވާގޮތުން އިސްލާމީ ޝަރީއަތުގައި މަނާކުރެވިފައިވާ އެއްވެސް ކަމެއް ދިވެހިރާއްޖޭގައި އުސޫލެއްގެ ގޮތުން ޙުއްދަކުރެވޭނެ އެއްވެސް ހަމައެއްނެތްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 59 ވަނަ މާއްދާގެ (ހ) އިންނާއި އަދި 142 ވަނަ މާއްދާއިން އެނގެއެވެ

( ނޯޓް: މިއީ "މޯލްޑިވިއަން ލީގަލް ސިސްޓަމް" ކިޔާ މާއްދާއެއްގައި އަޅުގަނޑު ހެދި އެސައިމެންޓެއްގެ އެއްބައެވެ).

1 comment:

Shinau Shinaz said...

ބައެއް މައްސަލަތަކުގައި ކޯޓުތަކުން ކިތަންމެހާވެސް ރަނގަޅަށް އިސްލާމީ ޝަރީއަތް ބޭނުންކުރޭ. ނަމަވެސް ހިތާމައަކީ ހުރިހާ މައްސަލައެއްގައި ނުކުރެވޭތީ

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ މިހާރު އެކުލަވާލެވިފައި މިއޮތްގޮތުން މައިގަނޑު މަސްދަރަކީ އިސްލާމީ ޝަރީޢަތޭ ބުނަން ދަތި. ޤާނޫނު އަސާސީގެ 142 ވަނަ މާއްދާގައިވަނީ ޤާނޫނެއް ނެތިއްޖެނަމަ ދެން ރިޢާޔަތް ކުރާނީ އިސްލާމީ ޝަރީޢަތަށް ކަމަށް. އަދި 268ގައިވާ ގޮތުން ދިވެހިރާއްޖޭ ސިޔާދީ ޤާނޫނަކީ ޤާނޫނު އަސާސީ
އަދި ޤާނޫނު އަސާސީގެ 61 ވަނަ މާއްދާގައިވާ ގޮތުން ޝާޢިޢު ކޮށްފައިވާ ޤާނޫނަކަށް ރިޢާޔްތްކޮށްފާ މެނުވީ އެއްވެސް މީހަކަށް އަދަބެއް ނުދެވޭ. އަދި މާނަކުރުމުގެ ބައިގައި ޤާނޫނު މާނަކޮށްފައިވާއިރު އިސްލާމީ ޝަރީޢަތް ހިމަނާފައެއްނުވޭ.
ނަމަވެސް ޤާނޫނު ތައް އެކުލަވާލާ
އަދި ޤާނޫނު މާނަކުރުމުގައި ވެސް އިސްލާމީ ޝަރީޢަތް ހިމަނާފައެއްނުވޭ
އެހެންކަމުން އިސްލާމީ ޝަރީޢަތަކީ ޖަޒާ ދިނުމުގައްޔާއި ޤާނޫނު ތަންޟީމުކުރުމުގައި ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރޭ ބުނެވޭކަށް ނެތް
އެހެން ނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނުތައް އެކުލަވާލުމުގެ މައިގަނޑު ހުދޫދޭ ބުނެވިދާނެ. .