Tuesday, September 28, 2010

vaahiyaathuthakun furifaivaa noos thakeh!



ހޮޅުއަށި ކިޔާ ނޫހެއް ނެރުމުން އެކަމާ ހިންހަމަ ނުޖެހިގެން، ކޮންމެވެސް ބަޔަކު ނުވަތަ މީހަކު "ބޭހާއި ނުކުޅޭތި ބަޑި" މިފަދައިން ނަންދީފައިވާ "ފޮޅި" އެއް ނެރެފިއެވެ. ކިޔައި ނިމުނު އިރު އަޅުގަނޑަށް ވެސް ހުރެވުނީ ހެވިފައެވެ. އާގަމަ ވެފައެވެ.

އޭގައި ފުރަތަމަ ސޮފްޙާގެ ފުރަތަމަ ޕެރެގްރާފްގައި ލިޔެފައިވެއެވެ. "އޭ މިތަނަށް އަލަށް ގުޅިގެން އުޅޭ ކުދިންނޭވެ. ....ތިއުޅެނީ ތިކުދިންގެ ސައިޒު އޮޅިގެންނެވެ." އަލަށް ގުޅިގެން އުޅޭ ކުދިންކަމަށް ލިޔެފައި ވުމާއި ގުޅިގެން އެބަޔަކީ ފުރަތަމަ އަހަރުގެ ކުދިން ކަމަށް ވެފައި އެކުދިން ތެރޭގައި އަޅުގަނޑު ވެސް ހިމެނުމާއިއެކު، އަޅުގަނޑު އެނެރެވުނު ފޮޅި އާއިމެދު އެއްޗެކޭ ބުނެލާނަމޭ ހިތަށް އެރީއެވެ. ނަމަވެސް ފެކަލްޓީގައި އުޅެމުންދާތާ ތިން އަހަރު ފާއިތުވެފައި ވާތީ ޖޫނިޔާ ކުއްޖެއް ބާއޭ ނުވަތަ ނޫންބާއޭ ހިތުގައި ސުވާލު އުފެދެއެވެ.

ލިޔުމުގައި ފުރަތަމަ ވަނީ ޑީން އާއި ކިޔަވައިދޭ ޓީޗަރުންނާ ނުބެހުމަށެވެ. ވަރަށް ރަނގަޅު ވާހަކައެކެވެ. ލިޔުންތެރިޔާއެވެ! ނަސޭހަތް ދޭނަމަ ރިވެތި ބަހުން ދޭށެވެ. އަނެކާއަށް މަލާމާތްކޮށް ނުރުހުންވާ ފަދަ ގޮތަކަށް ނަސޭހަތް ދޭނަމަ އެފަދަ ނަސޭހަތެއް ބަލައިގަތުމަކީ ދުރުގައިވާ ކަމެކެވެ. ބެރެކި ބަސްތަކެއް ބޭނުން ކުރުމުގެ ބަދަލުގައި އޯގާތެރި ހިތްހެޔޮ ބަސްތަކެއް ބޭނުން ކުރުން ބުއްދިވެރިއެވެ.

މޮޅުބަސްތަކުން ސިފަކުރާއިރު ތިމާއަށް އެބަސްތައް ބޭނުން މިކުރެވެނީ އެންމެ ރަނގަޅަށް ތޯއެވެ. "ތިއުޅެނީ އަދި ކަރަންފޫ ނުވެއްޓޭ ކުދިންނެވެ" ވެއްޓޭނީ ކަރަންފުލެއް ނޫނެވެ. ވެއްޓޭނީ ކަރަންފުލުގަ އިންނަ މަލެވެ.

ފުރަތަމަ ލިޔުން ނިންމާފައިވާގޮތުން ހީވަނީ މި ލިޔުން ލިޔުނު ކުއްޖަކު މިއުޅެނީ "ހޮޅުއަށި" ކިޔާ ނޫހެއް ނެރޭތީ އެކަމާ ކަންބޮޑުވެގެންހެންނެވެ. އާންމު ބަހަރުވައިން ނަމަ ޖޭ ވެގެންނެވެ. ތިމާ އަމިއްލައަށް ތިމާއަށް އިޙްތިރާމް ކުރުމަށް ބުނެ އުޅުމަކީ އަޅުގަނޑުގެ ނަޒަރުގެ ބޮޑާކަމުގެ ތެރެއިންވާސިފައެކެވެ.

އެލިޔުމުގައި އެކިގޮތްގޮތުން 60 ހައްވުރެ ގިނަ ކުށް ހުރެމެ، ހޮޅުއަށި ކިޔާނޫހުގައި ކުށް ހުންނަ ވާހަކަ ފާހަނގަކޮށްފައި ވުމުން ލިޔުން ލިޔުނު މީހެއްގެ ހަވާސް ހަމަބާވައޭ ސުވާލުއުފެދެއެވެ. އެ ލިޔުމުގައި އަދި ވެސް ވެއެވެ. "ޤާނޫނީ ގޮތުން މިރި ނުވަނީސް ގޮބޮޅި ވީމައި..." އަޅުގަނޑު ކުރިންވެސް ފާހަނގަ ކުރި ފަދައިން ސިފަކުރާ އިބާރާތްތައް ގެންނަ ކަމުގައި ވަނީނަމަ އެގެނެވެނީ ރަނގަޅަށްތޯ ބަލަން ވާނެއެވެ. މިރިއެއް ގޮބޮޅިއަކަށް ނުވާނެއެވެ. މިރިއެއް އޭގެ އެތެރޭގައި "ހެވާ" ލުމަށްފަހު ދެން އެމިރީގެ ނަން ބަދަލުވާނީ ކުރުނބަލަކަށެވެ. އެހެނެއްކަމަކު ގޮބޮޅިއެއް މިރިއަކަށް ވެދާނެއެވެ. ސަބަބަކީ މިރިއާއި ގޮބޮޅިއާއި ތެރެއިން ޅަވާނީ ގޮބޮޅިކަމުގައި ވާތީއެވެ.

ބޭހާއި ނުކުޅޭތި ބަޑި ލިޔުނު ފަރާތަކަށް
އޭ ލިޔުންތެރިޔާއެވެ. ކަލޭތީ ވަރަށް ފިނޑި ހިތްވަރު ދެރަމީހެކެވެ. ތިބާ ވެސް ތިވީ ހަމަ "ހޮޅިއަށި" ލިޔުމީހާއާއި އެއްފަދަ މީހަކަށެވެ. އެމީހަކަށް ވުރެންވެސް ކަންކަމުގައި މާ ޖެހިލުންވާ މީހަކަށެވެ. ތިއޮއް އަމިއްލައަށް ފިނޑިފީށަށް އަރަނީއެވެ. ކަންކަމުގައި ކެރިގެން އުޅޭށެވެ.
ކަންކަން ކުރުމުގެ ހޭޑިފޭޑި ރަނގަޅަށް އެންގިހުރެ ކުރާށެވެ. ނޫންނަމަ ތިބާ އަށް އެންމެން ކުރާނީ މަލާމާތާއި ފުރައްސާރައެވެ. ތިބާ އެންމެނަށް އަންގައިތިދެނީ ތިބާގެ ދޯހަޅިކަމާއި ގަބަރާ ކަމެވެ.

ފެކަލްޓީ އަކީ އެންމެންގެވެސް ތަނެކެވެ. ވަކި އަހަރެއްގެ ބައެއްގެ ތަނެއްނޫނެވެ. ފުރަތަމަ އަހަރުގެ ކުދިންނަށްވުރެ ދެވަނަ އަހަރުގެ ކުދިން ސީނިއަރ ވުމަކީ އެކުދިންނަށް ފުރަތަމަ އަހަރުގެ ކުދިން މާވަރެއްގެ އިޙްތިރާމްއެއް ކުރަންޖެހޭކަމެއް ނޫނެވެ. އިޙްތިރާމް ނުކުރާށެކޭނޫނެވެ. އިޙްތިރާމްކުރުމަކީ ހަމަ ކޮންމެ ބަޔަކަށްވެސް އޮތް ދީނީ ވާޖިބެކެވެ. މިހެން ފިލާތިބެ ނީހައިން ފުރިފައިވާ ލިޔުންތަކެއް ރައްދު ދިނުމުގެ ގޮތުން ވިއަސް ނެރޭނަމަ އިސާހިތަކު ފެކަލްޓީ މުޅިން އިންދިރާސްވެގެން ދިއުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

ނޫސްނެރޭނަމަ ފާޅުގައި ކެރިގެން އުޅޭށެވެ. ވާހިޔާތު ތަކެއްގެ ބަދަލުގައި ތަންކޮޅެއް އިލްމީ އެހެން މީހުން ވެސް ބަލައިގަންނަ ލިޔުންތަކެއް ލިޔާށެވެ.



2 comments:

އެންޓަރިން said...

ލިޔުމުގައި ބޭނުން ކޮއްފައިވާ މޮޅެތި ބަސްތައް ލޮލުގައި ވަރަށް އަޅައިގެންފިއެވެ. ލޫޕީވިޔަސް ރަނގަޅު ވާހަކައެއް ދައްކައިފިއްޔާ ވާނި ހަމަ ރަނގަޅު ވާހަކައަކަށެވެ.ލިޔުން ލިޔުނު ފަރާތަކުން އެކަހަލަ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް (ކުއްތަކަކާއި އެކު) ލިޔުމަކީ ވަރަށް ފޫނުބެދޭ ކަމެކެވެ.

Smokescreener said...

ބަހެއް ކުރިއަރައި ދާނީ އެބަހެއްގައި ހުރި މޮޅު ބަސްތަކުގެ ވެސް ބޭނުން ހިފިގެންނެވެ
ކޮންމެ މީހަކުވެސް ރަނގަޅު ވާހަކައެއް ދައްކައިފިއްޔާ ވާނީ ރަނގަޅު ވާހަކައަކަށެވެ
އިރާދަކުރެއްވިއްޔާ އަދި އެބަޔަކަށް ވިސްނޭނެއެވެ
ތިން ކޮމެންޓަށް ޝިކުރިއްޔާ އެވެ