Tuesday, September 21, 2010

ވެގެން ނުވާނެ ގޮތެއް

ވެގެން ނުވާނެ ގޮތެއް!

ކޮންމެ ތަނަކީވެސް ވަކި ބައެއްގެ ދަށުން ހިނގާ ތަނަކަށްވާނަމަ އެތަނުގެ ހިންގާ ފަރާތުން އަންގާ އެންގެވުންތަކަކީ ވަކި ބަޔަކަށް ނުވަތަ ވަކި މީހަކަށް އެނގެން ޖެހޭ އެންގެވުމެއް ނޫނެވެ. ފެކަލްޓީއެއްގައި ނަމަ ފެކަލްޓީގެ އިދާރާއިން އަންގަންޖެހޭ އެންގެވުންތައް އެތަނުގެ ވަކި ބަޔަކަށް އެނގޭނަމަ އެއީ އެކަން ވެގެންވާނެ ގޮތެއް ނޫނެވެ.

ދާދިމިދާކަށް ދުވަހު ފެކަލްޓީގައި އިހުއްސުރެ ބޭނުން ކުރަމުން އައި ކިޔަވާ މާލަން ނުވަތަ "ސްޓަޑީ ހޯލް" ކެންޓީނަކަށް ބަދަލު ކުރުމަށްޓަކައި އެތަން ބަންދު ކުރެވުނެވެ. އެކަމާ އެންމެން އުފާކުރި ނަމަވެސް ބައެއް ދަރިވަރުން ހިތާމަ ފާޅުވެސް ކުރިއެވެ. ސަބަބަކަށްވީ ކިޔެވުމުގެ ބޭނުމުގައި ބޭނުން ކުރަމުން އައިތަން ބަންދުކުރުމެވެ. ހަމައެހެންމެ ބަންދު ކުރި ތަނުގެ ބަދަލުގައި ކިޔަވާނެ އެހެން ކިލާސް ކޮޓަރި އެއްވެސް ނުލިބުމެވެ.

އަޅުގަނޑު ހިތުގައިވެސް އޭރު މިޝަކުވާ އޮތެވެ. ބައެއް ގާތް ރަހުމަތްތެރި ކުދިން ގާތު ޝަކުވާވެސް ކުރީމެވެ. ޚިޔާލުބަދަލު ކުރުމުގެ ނިޔަތުގައެވެ. ކަންބޮޑުވުން ފާޅު ކުރުމަށެވެ.

އަޅުގަނޑު އެ ސްޓަޑީ ހޯލް ކެންޓީނަކަށް ބަދަލުކުރަން ބަންދު ކުރި ވާހަކަ ލިޔުނު އިއުލާން ފޮޓޯ ނަގާފައި ފޭސްބުކްއަށް ވެސްލީމެވެ. ފޭސްބުކްގައި އުޅޭ ފެކަލްޓީގެ އެންމެންނާ އެކަން ހިއްސާ ކުރުމަށެވެ. ފޭސްބުކްގައި އަޅުގަނޑު ފްރެންޑް ލިސްޓް އަތުރާފައިވާގޮތުން ފެލްޓީގެ ހުރިހާ އެންމެން ވާނީ އެއްގްރޫޕަކަށް ލާފައެވެ. އަދި އެފޮޓޯގައި އެހުރީހާމީހުން ވެސް ޓެގް ކުރީމެވެ.

ވަކިހާއްސަ މީހަކު ޓެގްކޮށްފައި ވަނީ އެމީހަކަށް ގަދަރު ކުޑަވާގޮތަށް ޖެއްސުމަށް ކަމަށް އަޅުގަނޑު ކައިރީ ފެކަލްޓީގައި ކިޔަވަމުންދާ އަޅުގަނޑު ވަރަށް ހެޔޮއެދޭ ދަރިވަރަކު ބުނެފައިވެއެވެ. ނަމަވެސް ހަގީގަތަކީ ބުނާނަމަ އެފަދަ އެއްވެސް ނިޔަތެއްގައި އެކަން އަޅުގަނޑު ނުކުރާކަމެވެ. އަދި މުސްތަގުބަލުގައި ވެސް ނުކުރާނަމެވެ.
ކުރިން މިދެންނެވި ފޮޓޯއަށް ކޮމެންޓް ކުރުމުގައި ވަރަށްގިނަ މީހުން ކިޔަވާނެ ތަނެއް ނެތުމުގެ ޝަކުވާ ފާޅުކޮށްފައިވެއެވެ. އަދި ހަމަ އެފޮޓޯގައި ފެކަލްޓީއިން ދެވަނަ ފަންގިފިލާގެ ކިލާސް ރޫމްއެއް ސްޓަޑީ ހޯލްއެއްގެ ގޮތުގައި ހަމަޖައްސާފައިވާ ވާހަކަ އެއްދަރިވަރަކު ލިޔެފައިވެއެވެ.

އާ ސްޓަޑީ ހޯލްއެއް ހަމަޖެހުނު ވާހަކަ ދަރިވަރުންނާ ހަމައަށް ފޯރައިފައި ވަނީ ތުންތުން މަތިންނެވެ. ގިނަ ބަޔަކަށް އެކަން އެންގުމުގައި ފެކަލްޓީގެ ޕިޔޯނުގެ ހިއްސާވެސް ބޮޑެވެ. އަޅުގަނޑުމެން ޖަމާއަތެއް ހަދައިގެން ފެކަލްޓީގެ ސުޓޫޑަންޓް އެސޯސިއޭޝަންއެއް ހެދުމުގެ ވާހަކަ ދައްކަން ތިބިތިބުމެއްގައި އޭނާ ބުންޏެވެ "ޑީން އަޅުގަނޑު ކައިރީ ދަންނަވާފައި ވަނީ ކުދިން ކިޔަވަން 3 ވަނަ ބުރީގެ ފުރަތަމަ ކިލާސް ތަޅު ނުލައި ބަހައްޓާށޭ"

ވެގެން ނުވާނެ ގޮތެކޭ އަޅުގަނޑު މިބުނަނީ މިހެން ވުމުގެ ސަބަބުންނެވެ. އެފަދަ އެންގެވުމަކީ ފެކަލްޓީގެ ވަކިދަރިވަރުން ތަކަކަށް ވަކިން އެނގެން ޖެހޭ އެންގެވުން ތަކުގެ ބަދަލުގައި އެންމެންނަށް އާންމުކޮށް އެނގެންޖެހޭ ކަންކަމެވެ. އަޅުގަނޑަށް ޔަގީންކުރެވެނީ އެކަމަށްވެސް އިއުލާނެއް ޖެހިނަމަ އެއީ އެކަމުގައި އެންމެ އެދެވޭ ގޮތް ހެންނެވެ.

No comments: