Monday, September 6, 2010

haaziree ves mihoadhenee nuhagguneve!



ހާޒިރީވެސް މިހޯދެނީ ނުހައްޤުންނެވެ!
މިދޭތެރެ އަކުން ވީގޮތަކީ، އެކި އަހަރުތަކުގެ ކުދިންގެ ހާޒިރީ ނެރުނުއިރު އަޅުގަނޑުގެ އަރަބިގަޑީގެ ލިމިޓްއިނީ ހަމަވެފައެވެ. މާނައަކީ ދެން އިމްތިހާނަށް ނުވަދެވޭނެއޭއެވެ. ނަމަވެސް މިކަމާ އަޅުގަނޑު މާބޮޑަކަށް ދެރަނުވަމެވެ. ސަބަބަކީ އަޅުގަނޑު ގުނި ގުނުމުގައި އެލިމިޓްހަމަ ވާންވީ ހަމަ އެއްވެސް ގޮތެއް ނުފެނުމެވެ. ހައްޤު ހޯދުމުގެ ގޮތުން އަޅުގަނޑު ހާޒިރީގެ މައްސަލަތައް ލިޔާ ލިޔުމުގައި އެކަމަށް ދަޢުވާ ކުރީމެވެ.

ދެފަހަރަށް ކުރި މަސައްކަތުން މިއަދު ނެރުނު އާލިސްޓުގައި ވާގޮތުން އަޅުގަނޑަށް އެމާއްދާގެ އިމްތިހާނަށް ވަދެވެއެވެ. ނަމަވެސް މިފަދަ ފަސޭހަ ގޮތަކަށް މިކަން ވެގެން ނުދިޔަނަމަ، އާޙިރުގައި އިމްތިހާނު ބޯމަތީގައިވާއިރު އަޅުގަނޑަށް ޖެހޭނީ އިމްތިހާނަށް މުތާލިޢާ ކުރުމުގެ ބަދަލުގައި ނުހަޤުން ގެއްލިފައިވާ ގަޑިތަށް ހޯދުމަށް ގުރުބާން ވާށެވެ.

މީއީ ވަރަށް ގިނަ ކުދިންނަށް ދިމާވާ މައްސަލައެކެވެ. ބައެއްފަހަރު މީގެ ދިމާ އިނދިކޮޅަށް ވެސް ދިމާވެއެވެ. ކުލާހަށް ނުދާ ދަރިވަރަށް ވެސް ހާޒިރީ އޮންނާނީ ހަމަ ބަރާބަރަށެވެ. އަޅުގަނޑަށް ވެސް އެއްފަހަރަކު މިހެން ދިމާވިއެވެ.

ހާޒިރީގެ ވާހަކަ ދައްކާއިރު ވަރަށް ދެރަވާ ކަމެއްވެސް އެބައޮތެވެ. ބައެއްދަރިވަރުން އެކުދިންގެ ގަޑިތަކުގެ ހާޒިރީ ހަމަ ކުރަނީ ނުހައްޤުން ހާޒިރީ ހޯދައިގެންނެވެ. އަޅުގަނޑަށް މިކަން ސިފަ ކުރެވެނީ ވައްކަމާއި ފޭރުމާއި ޓެކުމާއި އެއްފަދަ ބޮޑު ކުށެއްގެ ސިފައިގައެވެ. އެކުދިން މިކަން ކުރާ ގޮތަކީ ކިޔަވާ ދެއްވަވާ މުދައްރިސް ހާޒިރީ މާކްކުރައްވަން އެކުދިންގެ އަތަށް ދެއްވުމުން ނެންގެވިހާ ހުރިހާ ގަޑިއަކަށް ހާޒިރުވިކަމަށް ފާހަނގަ ލަނީއެވެ. އެއްވެސް އިންސާފެއްނެތް ދެއްތޯއެވެ.

އަދި ހަމަ މިގޮތަށް ހާޒިރީ ހޯދުމުގައި ގިނަފަހަރު އެހެން ކުއްޖެއްގެ އެހީ ވެސް ހޯދައެވެ. ކުލާހަށް ނުދާ ކުއްޖާ، ކުލާހަށް ހާޒިރުވި ކުއްޖަކަށް ގުޅާފައި އޭނާ ހާޒިރުވިކަމަށް ފާހަނގަ ޖެހުމަށް އެދެނީއެވެ. ދެން އެކުއްޖާ އެހީއަށް އެދުނު ކުއްޖާއަށް އެކަންކޮށް ނުހައްޤުން ހަޒިރީ ހޯދައިދެނީއެވެ. މިއީ ވަރަށް އާންމުވެފައިވާ ކަމެކެވެ. ރައްޓެހި އެކުވެރި އެއްކުލާހެއްގައި އުޅޭ ކުއްޖަކު ބުނުމުން ހެޔޮކަމެއް ކޮށްދިނުމުގެ ނިޔަތުގައި ކޮށްދެނީ ކަނެނޭގެއެވެ. ނަމަވެސް ކަމުގެ އަސްލު ވެފައިވަނީ ގޯސް ނުބައި ކަމަކަށެވެ.


މިހުރިހާ ކަމެއް މިހެން ހުރިއިރު އަޅުގަނޑުގެ ހިތަށް އާދެއެވެ. އިމްތިހާނަށް ނުވަދެވޭނީ 10 ގަޑިއަށް ވުރެ ގިނަ ގަޑިއަށް ހާޒިރު ނުވާނަމައެވެ. ބައެއްފަހަރު 11 ގަޑިހަމަވެގެން ވެސް ދަރިވަރުންނަށް އިމްތިހާން ހޯލަށް ނުވަދެވިފައި އެބަހުއްޓެވެ. އެފަދަ ހާލަތުގައި ވެސް ފެކަލްޓީގެ އިދާރާއިން އެކުޖަކަށް މަޢާފް ކޮށްނުދެއްވައެވެ. މާނައަކީ ހާޒިރީގެ ކަންތަކަކީ ވަރަށް "ސީރިއަސް" ގޮތުގައި ފެކަލްޓީއިން ދެކޭ ކަންތަކެވެ. މިފަދަ އިސްކަމެއްދޭ ކަމެއް އޭގެ ހަގީގީ ސޫރައަށް ބަލާއިރު މިއޮންނަނީ ވަރަށް ދޯދިޔާކޮށް، އެހެން ނޫންތޯއެވެ.

އަޅުގަނޑުގެ ހިތުން ދަރިވަރުން ޢިޚްލާސްތެރި ވުމުން އަޅުގަނޑު ކުރިން ބުނި ނުހަޤުން ހާޒިރީ ހޯދުމުގެ ކަންތައް އިސްލާހު ވެދާނެއެވެ. ނަމަވެސް މިކަން ފުރިހަމަޔަށް ހައްލުވާނީ މުދައްރިސުންނާއި އިދާރާއިން މިކަމުގައި އެމީހުންގެ ދައުރު ކުރިއަށް ނެރެގެންނެވެ. ހަޒިރީއަކީ ދަރިވަރުން މާކްކުރާއެއްޗެއްގެ ބަދަލުގައި މުދައްރިސުން މާކްކުރާއެއްޗަކަށް ހެދިގެންނެވެ. އަޅުގަނޑު މިހެން ބުނުމުން އަޅުގަނޑަށް ހީވަނީ ރައްދެއްގެ ގޮތުން ގިނަމީހުން ބުނާނީ ތިޔައީ މިހާރު ކުޑަކުދިންތަކެއް ނޫނޭއެވެ. ކުޑަކުދިންނަށް ވުރެ ބޮޑެތިމީހުން މަކަރު ހަދަން މާ މޮޅުވާނެއެވެ. ފެކަލްޓީގެ ކުރީގެ މުދައްރިސެއް ކަމަށްވާ އުސްތާޒް ޝަފީއުގެ ގަޑިއެގައި އެއުސްތާޒް ދުުވަހަކުވެސް ދަރިވަރުންގެ އަތަށް ހާޒިރީ މާކް ކުރައްވަން ނުދެއްވައެވެ. ނަތީޖާ އަކީ އެއުސްތާޒްގެ ގަޑިތަކުގައި އެފަދަ މަކަރެއް ހެދުމަކީ ދަރިވަރުންނަށް "އިމްޕޮސިބަލް" ކަމަކަށް ވުމެވެ.

މިކަމުގެ ހައްލު ވަރަށް ވެސް ސާފު އެހެންނޫންތޯއެވެ. އުންމީދަކީ ކުރިއަށް އޮތްތަނުގައި މިކަހަލަ ފޫނުބެދޭ ކަންތައް ފެކަލްޓީގެ މެނޭޖްމެންޓްގެ ފަރާތުން ހައްލުކުރާނެ ކަމަށެވެ. އެކަމުގެ އުންމީދުގައި ހުރެމެ އެކަމަށް އިލްތިމާސްވެސް ކުރަމެވެ.

No comments: