Friday, September 17, 2010

Acceptable amend …BUT !




ހިންހަމަޖެހޭ ބަދަލެކެވެ. އެހެނަސް!


އެމް. އެލް.އެސް ނުވަތަ "މޯލްޑިވިއަން ލީގަލް ސިސްޓަމް" މިމާއްދާއަކީ ފެކަލްޓީގައި ކިޔަވައިދޭ މާއްދާތަކުގެ ތެރެއިން އަޅުގަނޑަށް އެންމެ ފުރިހަމަ އެއްމާއްދާއެވެ. އަޅުގަނޑު އެންމެ ފުރަތަމަ 2008 ވަނަ އަހަރު މިމާއްދާ ކިޔެވިއިރު އެމާއްދާގެ ސިލަބަސްވާ ގޮތުން ފުރަތަމަ ކިޔަވަން ޖެހެނީ އިންގްލިޝް ލޯވ ގެ ބައިތަކެވެ. އެއަށްފަހު ދެން ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް ގެ ބައިތަކެވެ. އޭރު އެމާއްދާއާއި ބެހޭގޮތުން ދަރިވަރުންގެ މައިގަނޑު ދެ ޝަކުވާ އޮތެވެ. އެއްޝަކުވާއަކީ ދިވެހި ރާއްޖޭގެ ޤާނޫނީ ނިޒާމް ކިޔާ މާއްދާއެއްގައި އިނގިރޭސި ޤާނޫނީ ނިޒާމް ކިޔަވަން ޖެހުމެވެ. ދެވަނައަށް އޮތް ޝަކުވާ އަކީ ދިވެހި ރާއްޖޭގެ ޤާނޫނީ ނިޒާމް ބޭރު ބަހަކުން ކިޔަވަން ޖެހުމެވެ.

ނަމަވެސް މިއަހަރު މިވަނީ އެމާއްދާގެ ސިލަބަސް އަލުން މުރާޖަޢާ ކުރެވި ދަރިވަރުންގެ ޝަކުވާތައް ބަލައިގަނެވި އެމާއްދާގެ ނަން އިވުމުންވެސް ހިންހަމަޖެހޭ މޮޑިއުލްއަކަށް އެމްއެލްއެސް ވެފައެވެ. އުފާވެރި ހަބަރެކެވެ. މޮޑިއުލް ރޭވިފައިވާ ގޮތުން މުޅިން ވެސް ވަނީ ދިވެހިރާއްޖޭ ޤާނޫނީ ނިޒާމާ ބެހޭ ބައިތަކެވެ. އެމާއްދާ ރަނގަޅުގޮތުގައި ކިޔަވައި ދެވިއްޖެނަމަ އަޅުގަނޑު ހިތުން ފެކަލްޓީގެ ދަރިވަރަކު ދަސްވެނިވެގެން، ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަން ފައްޓާއިރު އެމީހަކު ހުންނާނީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއަށް ވަރަށް ބޮޑަށް ހޭނިފައެވެ.

މާއްދާގެ ގަޑިތައް ރޭވިފައިވާގޮތުން ކޮންމެ ގަޑިއެއްގެ މައުޟޫއަށް ލެކްޗަރ (ފިލާވަޅު) ނަގައިދެއްވަނީ އެމައުޟޫއަކާ ގުޅޭދާއިރާއެއްގައި މަސައްކަތް ކުރާ ފަންނީ ބޭފުޅެކެވެ. މިސާލަކަށް އާއިލާ އާއި ބެހޭ ކޯޓުގެ ލެކްޗަރ ނަމަ އެ ލެކްޗަރ ނަންގަވައި ދެއްވަނީ އާއިލާއާއި ބެހޭ ކޯޓްގެ ރެޖިސްޓްރަރ އެވެ.

މިހާފުރިހަމަ ގޮތަކަށް މިދެންނެވި މާއްދާ ބައްޓަން ވެގެން އައިއިރު ހަނދާނުން ކައްސާލައިގެން ނުވާނެ ވަރަށް މުހިންމު ކަމެއްވެއެވެ. އަޅުގަނޑު ކުރިންވެސް ބުނި ފަދައިން އެމް.އެލް.އެސް ކުރިން ކިޔަވަމުން އައީ އިންގްލިޝް ލޯވގެ ބައިތަކަކާއެކުއެވެ. ފަހުން އާ މޮޑިއުލްއަކަށް ކިޔަވައިދޭން ފެއްޓިއިރު އުނި ކުރިބައެއް ވެއެވެ. މި އުނި ކުރި ބަޔާއިމެދު ކަންތައް ކުރަނީ ކިހިނެއްތޯއެވެ! ފެކަލްޓީން މިހާތަނަށް އައިއިރު އެބަޔާމެދު ކަންތައް ކުރާނީ ކިހިނެއްކަމެއް ދަރިވަރުންނަށް އަންގާފައެއް ނުވެއެވެ. އަޅުގަނޑު ދެކޭގޮތުގައި އެފަދަ ވާހަކަތައް އޮންނަން ޖެހޭނީ ދަރިވަރުންނާ ވެސް ހިއްސާ ކުރެވިފައެވެ.

އުނިކުރިބައި މިކިޔާ ބަޔަށް ބަލައިލާއިރު އެބައިގައި ހިމެނެނީ އިނގިރޭސި ޤާނޫނުގެ ވަރަށް ބޭސިކް ބައިތަކެވެ. މިސާލަކަށް ސޯސަސް އޮފް އިންގްލިޝް ލޯވ، ސްޓެޓިއުޓަރީ އިންޓަރޕްރެޓޭޝަން ފަދަ ބައިތަކެވެ. ހަމަގައިމުވެސް މިބައިތަކަކީ ލޯސުޓޫޑެންޓަކަށް ވަރަށް މުހިންމު ބައިތަކެވެ. މިބައިތަށް ނޭގޭނަމަ އެދަރިވަރަކީ އިނގިރޭސި ޤާނޫނު ނުވަތަ ކޮމަންލޯ ގެ ތެރެއަށް ލޯހުޅުވިފައިނުވާ ދަރިވަރެކޭވެސް ބުނެވިދާނެއެވެ.

އެހެން މާއްދާއެއްގެ ސިލަބަސްއެއްގައި މިބައިތައް ހިމެނިފައިވާ ތަނެއް އަޅުގަނޑެއް ނުދެކެމެވެ. މިކަން މިފަދައިން އޮންނަނަމަ އެބަޔާމެދު ދެން ކަންތައްވާނީ ކިހިނެއްތޯއެވެ. އެހެން މާއްދާއެއްގެ ސިލަބަސްއެއްގައި ހިމެނޭނީތޯއެވެ. ނޫނުނަމަ މިބަޔައް ބައެއް އެހެން ލޯ ފެކަލްޓީތަކުގައި އޮންނަހެން "އިންގްލިޝް ލޯވ" ކިޔާ މާއްދާއެއް އުފަން ކުރެވެނީތޯއެވެ. ނުވަތަ އެބައި އުނިކުރެވުނުފަދައިން ކަފުން ވެސް ކުރެވެނީތޯއެވެ.

ކިޔަވަން ތިބޭ ބަޔަކީ ދަރިވަރުން ކަމުގައި ވީހިނދު، ކިޔެވުމުގެ ކަންތަކާ ވިސްނާ ބަޔަކީ ދަރިވަރުން ކަމުގައިވީހިނދު ދަރިވަރުންނާ ހިއްސާ ކުރެވިގެން ދަރިވަރުންގެ ވިސްނުމާ ޚިޔާލާއެކު މިފަދަ ކަންތަކުގައި ނިމުމުގެ ސިއްކަ ޖެހުމަކީ އޭގެ އެންމެ އެދެވޭ ގޮތްކަމުގައި ދެކެމެވެ.

No comments: