Thursday, October 7, 2010

Introducing a bulk SMS system in FSL



ފެކަލްޓީގައި ބަލްކް އެސްއެމްއެސް ކުރާނެ ނިޒާމެއް ގާއިމްކުރުން
ސްކޫލް ދުވަސްވަރު ކިޔެވި ދިވެހި ފޮތެއްގައި ދުނިޔެ ކުޑަ ތަނަކަށް ވެއްޖެ ކަމަށް ބުނެފައި ވުމުން ހަގީގަތުގައި އެބުނަނީ ކީކޭކަން ނޭގި އެބުނުމަށް ރައްޓެހި ވަރަށްގިނަ ކުދިން ހީ މަލާމާތްކޮށް އުޅުނެވެ. ހަގީގަތުގައި ވެސް ދުނިޔެ ވަރަށް ކުޑަ ތަނަކަށް ވެއްޖެ އެވެ. އެއްފަރާތުގައި ހުރެ ބަލާލީމާ އަނެއްފަރާތް ސާފުކޮށް ފެންނަހާ ކުޑަތަނަކަށެވެ. ޙަބަރާއި މުއާސަލާތީގުޅުމުން ތަފާތު ދުރު ދެ ގައުމުގައި ތިބި ބަޔަކު އެއްކޮޓަރިއެއްގައި އެއްމޭޒެއްގެ ދޮށުގައި ތިބެގެން ވާހަކަ ދައްކާ ޚިޔާލު
ބަދަލުކޮށް ހެދޭހާ ކައިރި ތަނަކަށެވެ.

މިހާލަތަށް އިންސާނީ ދިރިއުޅުން ތަހްޒީބުވެފައި ވާއިރު، ދިރިއުޅުމުގެ ފަސޭހަތައް އަތްފޯރާފަށުގައިވާއިރު އެ ފަސޭހަ ތަކުގެ ބޭނުން ފުރިހަމަ ރަނގަޅުގޮތުގައި ހިފަންވާނެއެވެ. ކޮންމެ ދާއިރާއެއްކަމުގައިވި ނަމަވެސް ޒަމާނީ އާއީޖާދުތަކާއި އާވަސީލަތްތަކުގެ ބޭނުން ހިފާނަމަ އެބަޔަކަށް ދިރިއުޅުމުގައި ފަސޭހަތަކެއް ލިބި ކުރިއަރައިގެން ދިއުމަކީ ދުރުގައިވާ ކަމެއްނޫނެވެ.

އަޅުގަނޑު މިހާރު ތަޢުލީމް ހާސިލް ކުރަމުންމިދާ ޝަރީއަތާއި ޤާނޫނުގެ ފެކަލްޓީގައި ވެސް މިދެންނެވި ގޮތަށް ކިޔެވުމާއި ރޭވުމާއި އިންތިޒާމްކުރުމުގައި ބޭނުން ހިފިދާނެ "ޒަމާނީ ފަސޭހަތަކެއް" ވެއެވެ. އެފަސޭހަތަކުގެ ތެރެއިން ފެކަލްޓީގެ މާހައުލަށް މިވަގުތައް އެންމެ ބޭނުން ހިފޭނެ އެންމެ ފައިދާ ކުރާނެ އެއް ފަސޭހަ އަކީ އަޅުގަނޑުގެ ނަޒަރުގައި މިޒަމާނުގެ ގިނަ ކޮލެޖްތަކުގައި ވާފަދައިން ޚަބަރުކުރާނެ ނުވަތަ ޚަބަރުފަތުރާނެ ވިއުގަ އެއް ގާއިމް ކުރުމެވެ.

އަޅުގަނޑުމެން ކިޔަވަން ޖެހިފައިވާ މާހައުލުގެ ގޮތުން، ދުވަސްވަރުގެ ގޮތުން ޒަމާނުގެ ގޮތުން އެކިއެކި ކަންކަމުގައި (މިސާލަކަށް ކުލާސް ކެންސަލް ވުން، އިމްތިޙާން ނަގާ ތާރީޚް ބަދަލުވުން) އެނގެން ޖެހޭ މުހިންމު މަޢުލޫމާތު ލިބެންޖެހޭ ވަގުތުގައި ނުލިބޭތަން އާދެއެވެ. މިފަދަ ގޮތަކަށް ކަންތައްވުމުން ބައެއްފަހަރު ބައެއްކުދިންނަށް ދެރަ ލިބޭތަންވެސް އާދެއެވެ. މިސާލަކަށް މިއަހަރު، ފުރަތަމަ އަހަރުގެ ކުދިންނަށް ގެސްޓް ލެކްޗަރާއެއްގެ ގޮތުގައި ރާއްޖޭގެ އަންހެން ގާޒީއެއް ނަންގަވައި ދެއްވި އަބުރާ ބެހުމުގެ ދަރުހެއްގެ ޙަބަރު ލިބިފައި ނުވުމުން އެގަޑިއައް ހާޒިރުވީ ކުލާހުގެ ވަރަށް މަދު ކުއްޖެކެވެ.

ކަމަކީ ކަމުގެ ޒާތަށް ވިސްނައިފިނަމަ ވަރަށްފަސޭހަ ކަމެކެވެ. ކުރަން ނުވަތަ ފައްޓަންވެސް އުނދަގޫ ކަމެއް ނޫނެވެ. މުއާސަލާތީ ވިއުގަ ނުވަތަ އެސްއެމްއެސް ސިސްޓަމެކޭ ކިޔަމާ ހިގާށެވެ. ކުއްލި ގޮތަކަށް ނޫންނަމަ އަވަސް ގޮތަކަށް ދަރިވަރުންނަށް އަންގަން ޖެހޭ ގިނަ އެންގުންތައް އެންގުމުގައި ފަސޭހަތަކެއް ލިބިގެންދާނެ އެސްއެމްއެސް މެދުވެރިކޮށް މުޢާސަލާތީ ގުޅުން ގާއިމްކޮށްދޭ ސިސްޓަމެކެވެ.

ތަންކޮޅެއްކުރީގައި މަޖިލީސްގެ ކެމްޕެއިން ދުވަސްވަރުގައި އަޅުގަނޑަށް އަމަލީ ގޮތުން މިފަދަ ސިސްޓަމެއްގެ ބޭނުން ކުރެވި ތަޖުރިބާ ލިބުނެވެ. އޭރު އެ އެސްއެމްއެސް ސިސްޓަމް ބޭނުން ކުރިގޮތުގެ ވިސްނުމާއެއްގޮތަށް ފެކަލްޓީގައި މިފަދަ އެސްއެމްއެސް ސިސްޓަމެއް ގާއިމް ކުރެވިދާނެކަމަށް އަޅުގަނޑަށް ގަބޫލް ކުރެވެއެވެ. އެހެންކަމުން އެފަދަ ސިސްޓަމެއް ގާއިމްކުރެވިދާނެ ގޮތުގެ ޚިޔާލު އަޅުގަނޑު ކިބައިގައި ހުރި މިންވަރަކުން ފެކަލްޓީގެ ހިންގުމުގައި ހަރަކާތްތެރިވާ އެންމެހާ ބޭފުޅުންނަށް އަރުވަމެވެ.

މިކަމަށް ބޭނުން ވަނީ ބުލޫޓޫތް ހުރި ކޮންޕިއުޓަރަކާއި ބުލޫޓޫތް ހުރި ފޯނަކާއި (ސިމްކާޑް)ބަލްކް އެސްއެމްއެސް ކުރާ ސޮފްޓްވެއާއެކެވެ. ސޮފްޓްވެއާ އަކަށް އަޅުގަނޑަށް އެންމެ ކަމުދަނީ "އެސްއެމްއެސް ކާސްޓަރ" ކިޔާ ސޮފްޓްވެއާއެކެވެ.
އެ ސޮފްޓްވެއަރ ނުވަތަ އެޕްލިކޭޝަން އިންޓަރނެޓް އިން ޑައުންލޯޑް ކުރެވޭނެއެވެ. www.smscaster.com.އިންޓަނެޓް އިން ސޮފްޓްވެއާ ގަންނަނަމަ އެއްއަހަރުގެ ލައިސަންސް ލިބެނީ ފުދޭ ވަރަކަށް އަގު ބޮޑު ކޮށެވެ. ނަމަވެސް އަޅުގަނޑުގެ އަތުގައި އޭގެ ރެޖިސްޓަރޑް އެޑިޝަންއެއް ވުމާއެކު އޭގެ ބޭނުން ފެކަލްޓީއަށް ހިފިދާނެ ކަމަށް އަޅުގަނޑު ދެކެމެވެ. ހަމައެހެންމެ އިތުރަށް ބޭނުންވާނީ ފެކަލްޓީއަށް ހާއްސަ ސިމް ނަމްބަރެކެވެ.

ދާއިމީ ގޮތެއްގައި ބޭނުން ކުރާނަމަ ބްލޫޓޫތް ހުރި ފޯނެއް އެކަމަށް ޚާއްސަ ކުރުމަކީ އެކަން ކުރުމަށް އެންމެ އެދެވޭ ގޮތްކަމުގައި ގަބޫލް ކުރެވެއެވެ. އިތުރަށް އަމަލީ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ކޮންމެ އަހަރެއްގެ ކުދިންގެ (ވަކިވަކި ގުރޫޕްތައް ހިމެނޭ ގޮތައް) ލިސްޓެއް ހަދައި ސީއެސްވީ ފައިލް ހެދުން ހިމެނެއެވެ. ފެކަލްޓީއިން އެދޭނަމަ މިކަން އަޅުގަނޑުމެން ދަރިވަރުން އަމިއްލައަށް ކުރުމަކީ ހަމައެއްވެސް ބުރައެއް އުފުލުމަކާއި ނުލައި ކުރެވިދާނެކަމެކެވެ.
މިކަންކަން ފުރިހަމަ ވުމުން ފެކަލްޓީއިން ހަމައެކަނި ކުރަން ޖެހޭނެކަމަކީ ކުލާހެއް ކެންސަލް ވެއްޖެ ނަމަ ކޮންޕިއުޓަރުން އެސްއެމްއެސް ކާސްޓަރ އެޕްލިކޭޝަން ހުޅުވުމަށްފަހު، މޯބައިލްފޯނާއި ކޮންޕިއުޓަރާއި ދޭތި ބްލޫޓޫތް ކަނެކްޝަންއިން ގުޅުވައި، ޙަބަރު ދޭންބޭނުންވާ ދަރިވަރުންގެ ގުރޫޕް ސިލެކްޓްކޮށް މެސެޖެއް ކޮންޕޯސް ކުރުމަށްފަހު "ސެންޑް" އަށް ކްލިކް ކުރުމެވެ.

އަޅުގަނޑު އުންމީދު ކުރަނީ މުސްތަގުބަލްގައި ވީހާވެސް އަވަސް މުއްދަތެއްގައި ފެކަލްޓީ އިން މިގޮތަށް އެސްއެމްއެސް އިން ހަބަރު ފަތުރާނެ ނިޒާމެއް ގާއިމް ކުރާނެ ކަމަށެވެ. އަދި ވީހާވެސް އަވަސް މުއްދަތެއްގައި އަޅުގަނޑު ކުރިން މިދެންނެވި ޚިޔާލު ފެކަލްޓީގެ އިސްބޭފުޅުންނަށް މާތްﷲގެ އިރާދަފުޅާއެކު އަރުވާނަމެވެ.
މިހާރުވެސް ފަހުންވެސް މުސްތަގުބަލުގައި ވެސް އެދެނީ އަޅުގަނޑުމެން ތައުލީމް ހާސިލް ކުރަމުންމިދާ ލޮބުވެތި ފެކަލްޓީއަށް އަދަށްވުރެ ފަހި މާދަމާއެކެވެ
.

2 comments:

@manfip said...

mi kan vejjiyya kithanme haa ves rangalhu:)

Smokescreener said...

insha Allah vaane :D hope 4 da best