Thursday, October 28, 2010

ބުންޏޭ ބުންޏޭ ނޫހުގެ ކަރާނީ ބޭނުންވަނީ ކޯއްޗެއް ތޯއެވެ


ބުންޏޭ ބުންޏޭ ނޫހުގެ ކަރާނީ ބޭނުންވަނީ ކޯއްޗެއް ތޯއެވެ!

ކުރީގެ ބައެއް ލިޔުން ތަކުގައި އަޅުގަނޑު ކޮލެޖްގައި ނެރެމުންދާ ނޫސްތަކާ ބެހޭ ގޮތުން ލިޔައި އެކަމުގައި އަޅުގަނޑުގެ ޝުޢޫރު ފާޅު ކުރަމުން ދިޔައީމެވެ. އަޅުގަނޑު ހަނދާން ވާގޮތުން 3 ލިޔުމެއް އެފަދަ ކަންކަމުގެ މައްޗައް ބިނާކޮށް ލިޔުނީމެވެ. ފުރަތަމަ ލިޔުމަކަށް "އަޅުގަނޑުގެ ޚިޔާލު" މިނަމުގައި ލިޔެ އަދި އޭގެ ފަހުން "ނޫސްވެރިކަމުގައި ޒާތީ ހަސަދަ ފިލުވުން" އަދި ތިން ވަނަ ލިޔުމަކަށް "ވާހިޔާތުތަކުން ފުރިފައިވާ ނޫސްތަކެއް" މިނަން ތަކުގައެވެ.

ކުރީގެ ލިޔުމެއްގައި އަޅުގަނޑު ލިޔުނީމެވެ. "މިހެން ފިލާތިބެ ނީހައިން ފުރިފައިވާ ލިޔުންތަކެއް ރައްދު ދިނުމުގެ ގޮތުން ވިއަސް ނެރޭނަމަ އިސާހިތަކު ފެކަލްޓީ މުޅިން އިންދިރާސްވެގެން ދިއުމަކީ ދުރުގައިވާ ކަމެއް ނޫނެވެ." އަޅުގަނޑުމެން ނުލާހިކު އިޚްތިރާމް ކުރަމުން އައި ފެކަލްޓީގެ ނަން މިއަދު މަދު ދަރިވަރުންތަކެއްގެ ނުކެރޭ ފިޑި އަދި އަދަބާ ޚިލާފު އަމަލުތަކެއްގެ ސަބަބުން މުޅިން ކިލަނބު ވެއްޖެ އެވެ.

އަޅުގަނޑު ކުރިން ލިޔުނު ލިޔުންތަކުގެ މަގްސަދު ވަރަށް ސާފުކޮށް އެލިޔުން ތަކުގައި އަޅުގަނޑު ހިތުން ލިޔުނީމެވެ. "ނޫސްވެރިކަމުގެ ނަމުގައި ޒާތީ ހަސަދަ ފިލުވުން" އެ ލިޔުމުގެ ފަހުބައި ބައްލަވާށެވެ.

"މި ލިޔުން އަޅުގަނޑު ލިޔުމުގެ މަޤްސަދަކީ އަޅުގަނޑު މިހާރު ކިޔަވަމުން މިގެންދާ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯވ ގައި ދެނަމެއްގައި ދެ ނޫހެއް ނެރެވި އަދި މިދެ ނޫހަކީވެސް އަޅުގަނޑުގެ ނަޒަރުގައި ވަރަށް ޒިންމާދާރުކަން ކުޑަ ނޫސްވެރިކަމުގެ ސުލޫކާއި މިންގަޑަށް ވެސް ނުފެތޭ ދެނޫސް ކަމަށް ގަބޫލް ކުރެވި، ދަރިވަރެއްގެ ހައިސިއްޔަތުން އެދެނޫސް ހިންގަވާ ބޭފުޅުންނަށް ޚިޔާލެއް ފޯރުކޮށްދިނުމުގެ އުންމީދުގައެވެ. އަދި ނޫސްވެރިކަމަކީ ޒާތީ ހަސަދަ ފިލުވުން ނޫންކަން ހަނދާން ކޮށްދިނުމަށެވެ." މިފަދައިންނެވެ.

އަޅުގަނޑުގެ ނަޒަރުގައި ވަކިބަޔަކުކަން ނޭގޭ ގޮތަށް ނޫސްނެރުން އެއީ މައްސަލަ އެއް ނޫންކަމަށް ދެކި، އެކަން މައްސަލަ އަކަށް ވާ ހިސާބުވެސް އަޅުގަނޑުގެ ކުރީގެ ލިޔުމެއްގައި ބުނީމެވެ. "އަޅުގަނޑުގެ ޚިޔާލު" އެ ލިޔުން ބައްލަވާށެވެ. "ބުނަން މިއުޅެނީ ވަކިބަޔަކު ކަންނޭގޭ ގޮތަށް ނޫސް ނެރުނަސް ލިޔުންތެރިކަމުގެ ނުވަތަ ނޫސްވެރިކަމުގެ ވައްޓަފާޅިއާއި ޚިލާފުވެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ތައާރުޒު ވާނަމަ އެހިސާބުން ވަކިބަޔަކުކަން ނޭގި ލިޔުން މައްސަލައަކަށްވާ ހިސާބަށް ދަނީއެވެ."

ނެރެނުނު ދެނޫސް ކަމުގައިވާ "ހޮޅުއަށި" އަދި "ބުންޏޭ ބުންޏޭ" މިސްރާބު ހުރި ގޮތާމެދު އަޅުގަނޑުގެ ޒަމީރު ގަބޫލް ކުރި ގޮތް ހިއްސާ ކުރީމެވެ. "އެހެން ނަމަވެސް އެ ލިޔުންތެރިން އެކަން ގެނެސްފައި ވަނީ މައްސަލަތައް ހައްލު ކުރުމަށް ސުލްހަވެރިކަމާއެކު ވާހަކަދެއްކުން މި ޙިޔާލު ދޫކޮށް ފާޑު ކިޔުމާއި ހަޖޫ ޖެހުމުގެ ގޮތަކަށެވެ. އަދި ޒާތީ ވާހަކަތައް ގެނެސްފައި ވާގޮތުން އިސާހިތަކު ފިތުނަވެރިކަމެއް އަތުވެދާނެކަމުގެ ބިރުހީވެދާ ގޮތަކަށެވެ."

ފެކަލްޓީގައި ނޫހެއް ނެރޭނަމަ އެނޫހުގެ މިސްރާބު ބައްޓަން ކުރަންވީ ކޮންގޮތަކަށްކަން އަޅުގަނޑަށް ފެނުނު ، އަޅުގަނޑަށް ވިސްނުނު އެންމެ ފުރިހަމަ އަކަށް ބުނެދިނީމެވެ." އަޅުގަނޑަށް ފެންނަ ގޮތުގައި އެންމެ ރަންގަޅު ގޮތުގައި ފެކަލްޓީގެ ތެރޭގައި ނޫހެއް ނެރޭނަމަ، އެނޫހުގެ މިސްރާބު ބައްޓަން ކުރަންވީ އެކުލުންތެރިކަމާއި އެއްބާރުލުން ގެނުވައިދޭ ނޫހަކަށެވެ. ލިޔުންތެރީންނަކީ ކޮންބަޔެއްކަން އެނގޭ ހަރުދަނާ ޒިންމާދާރު ނޫހަކަށެވެ. ކިޔަވައި ދިނުމާއި އިދާރީ ގޮތުން ޖެހޭ މައްސަލަތައް ހައްލު ކުރުމަށް ދަރިވަރުންގެ ފަރާތުން އެއްބާރުލުން ލިއްބައިދޭ އިތުރު ޚިޔާލް ފޯރުކޮށްދޭ ނޫހަކަށެވެ."

އަޅުގަނޑު ހިތުން ނަސޭހަތެއްގެ ގޮތުގައި ފުދޭނެ މިންވަރަށް އަޅުގަނޑުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކުން އަޅުގަނޑު އެލިޔުން ތަކުގައި ފެކަލްޓީގައި ތަޢުލީމް ހާސިލް ކުރަމުންދާ އެންމެހާ ދަރިވަރުންނަށް ނަސޭހަތް ދިނީމެވެ. މިއަދު އަޅުގަނޑުމެން ދެކެމުންމިދާ ދުވަސް ނުގެނައުމަށެވެ. ދަރިވަރުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހި ކަމުގައި ބެހެއްޓުމަށެވެ. ނަމަވެސް....

އާޙް..! ނުވިސްނޭ ދަރިވަރުންތަކެއްގެ ކަޗަޑާކަން އެބައި މީހުން ދައްކުވައިދީފިއެވެ. ވަރަދާނަ އެއްގެ ކޮޅުމަތި ދައްކުވައި ލައިފިއެވެ. "ބުންޏޭ ބުންޏޭ" ގެ ނަމުގައި ތިންވަނަ އަދަދެއް ނެރެ، ފެކަލްޓީގެ އެތައް ދަރިވަރުންނެއްގެ އަބުރު ވެއްޔާ މޮޑެލައިފިއެވެ.

ލޮބުވެތި އެކުވެރީންނޭވެ! އެއްވެސް ލާބައެއްނެތް ކަމެއް ކުރުމުގެ ބޭނުމެއް ނެތެވެ. ލާޗާރުބިޗާރަށް ތެޅިފޮޅި އުޅުމަށްވުރެ ތަންކޮޅެއް ބަނިޔާދަންކޮށް އުޅުން އަޅުގަނޑުމެންގެ މައްޗަށް މާއައުލާކަން ބޮޑެވެ. އަޅުގަނޑުމެންނީ މުސްތަގުބަލުގައި މިގައުމުގައި ވަކީލުންނަށްވުމުގެ މާތް ރަނގަޅު މަގްސަދުގައި ކިޔަވަމުންދާ ދަރިވަރުން ތަކަކީމެވެ. އެހެންނޫންތޯއެވެ!

ތަފާތު ނަންނަމުގައި ނޫސްނެރެ ގުޖަޑު އުފެއްދުމުގެ ބޭނުމަކީ ފަހެ ކޮބައި ހެއްޔެވެ! ބުންޏޭ ބުންޏޭ ކިޔައިގެން މިފަހަރު މިނޫސް ނެރުމުގައި ބައިވެރިވި ކޮންމެ ދަރިވަރަކު އަޅުގަނޑު ކުއްވެރި ކުރަމެވެ. އަޅުގަނޑުގެ ނަޒަރުގައި އެއީ އެކަމުގައި ބައިވެރިވި ދަރިވަރުން ހިންގި ބޮޑު ޖަރީމާއެކެވެ. އެބައިމީހުންނަށް ހައްޤު އަދަބު ލިބެންވާނެއެވެ. ނަމަވެސް އަޅުގަނޑުގެ ހިތަށް އަރައެވެ! ބުންޏޭ ބުންޏޭ ނޫހުގެ ކަރާނީ ބޭނުންވަނީ ކޯއްޗެއް ތޯއެވެ؟

1 comment:

Anonymous said...

Recently a video has been posted on youtube showing a disgusting renewal of vows in the Maldives. The way the international media, daily mail and the evening standard took the story gave the wrong impression of Maldivians to the world.

Heres a video response to that: http://www.youtube.com/watch?v=GD7rOxXvPmk
This video shows a side of Maldivian culture that is true and hardly ever spoken of. The TRUE MALDIVIAN. Its taboo because we are supposed to be a 100% muslim country. But see for yourself..