Monday, October 25, 2010

އެޓެންޑެންސްގެ ކަންތަކުގައި ފެކަލްޓީގެ ޑީންއާއި ލެކްޗަރާރއިން މާހަރުކަށިވެލެއްވުމަކީ އެކަމުގައި އެންމެ އެދެވޭ ގޮތެއް ނޫނެވެ.


އެޓެންޑެންސްގެ ކަންތަކުގައި ފެކަލްޓީގެ ޑީންއާއި ލެކްޗަރާރއިން މާހަރުކަށިވެލެއްވުމަކީ އެކަމުގައި އެންމެ އެދެވޭ ގޮތެއް ނޫނެވެ

ހާޒިރީ ބެލުމަށް ދީފައިވާ އަހަންމިއްޔަތު

ކޮލެޖަށް އަދި ވަކިން ހާއްސަކޮށް ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯއަށް އަލަށް ވަންނަ ކޮންމެ ކުއްޖަކަށް އެކުއްޖެއްގެ ތަޢާރަފުގެ ބައްދަލުވުމުގައި ފުރަތަމަވެސް އިންޒާރު ދެވޭނީ ހާޒިރީގެ ކަންތަކާ ގުޅޭގޮތުންނެވެ. އެއީ ކުލާހަށް ބަރާބަރަށް ހާޒިރުވާން ޖެހޭނެ ކަމަށާއި، 80 ޕަސެންޓް ހާޒިރީ އެކުއްޖަކަށް ނުލިބިއްޖެ ނަމަ އިމްތިހާން ހޯލަށް ނުވަދެވޭނެ ކަމަށެވެ. ހަމައެހެންމެ ހާޒިރީގެ ތަފާސްހިސާބު ދައްކުވައިދޭ ތާވަލު ތަކަކީ މަހުންމަހަށް އިއުލާންބޯޑުގައި ނެރެވޭ އެއްޗެކެވެ. މިހިރަމިހިރަ ކަންކަމުގެ ސަބަބުން ހާޒިރީ ބެލުމުގެ ކަންތަކަކީ ފެކަލްޓީއިން ވަކިހާއްސަ ސަމާލު ކަމެއްދެވޭ ކަމެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ހާޒިރީ ބެލުމުގެ ހާލަތު

ފެކަލްޓީގައި ހާޒިރީ ބެލުން ނުވަތަ ހާޒިރީ މާކް ކުރުމުގެ ހާލަތު އޮތީ އޭގެ އެންމެ ރަނގަޅަކަށް ނޫނެވެ. ހާޒިރީ ބެލުމުގައި އެކި ލެކްޗަރަރ އިން ކަންތައް ކުރަނީ އެކި ގޮތްގޮތަށެވެ. ފަހަރެއްގައި ވަކި އުސޫލްތަކެއް ކަނޑައެޅިފައި ނުވާތީ ކަމަށް ވެދާނެއެވެ. ކަންމިހެން އޮތަކަސް އެންމެންގެ މައްޗަށް އެއްއުސޫލެއް ވާކަމެއްގައި އެކަމެއް ތަންފީޒުކުރުމުގައި ވެސް ތަފާތުކުރުންތަކެއް ހުރުމަކީ ގަބޫލްކުރެވޭނެ ކަމެއް ނޫނެވެ. ބައެއް ލެކްޗަރަރ އިން ހާޒިރީ މާކުކުރައްވަން ދެއްވަނީ ދަރިވަރުންގެ އަތަށެވެ. އަނެއްބައި ލެކްޗަރާރ އިން އެމީހުން އަމިއްލަޔަށް މާކުކުރައްވަނީއެވެ. މިފަދައިން އަމަލު ކުރެވޭއިރު ދަރިވަރުންގެ އަތަށް މާކު ކުރައްވަން ދެއްވުމުން ބައެއްފަހަރު ގޯސް ހިނގާތަން ވެސް އާދެއެވެ.

ކަރަޕްޝަން ބޭނުންކޮށްގެން ހާޒިރީ ހޯދުން

މިއީ އަޅުގަނޑުމެން އާންމު ކޮށް ކިޔާގޮތެވެ. ފަހަރެއްގައި އެހާ ގާތް ބަހަކަށް ނުވެދާނެއެވެ. ނަމަވެސް މިބަހަކީ ފެކަލްޓީގައި ތައުލީމް ހާސިލް ކުރަމުންދާ ގިނަ ދަރިވަރުންނާ ރައްޓެހި ދަރިވަރުން ދަންނަ ބަހެކެވެ. މިގޮތަށް ހާޒިރީ ހޯދޭ ގޮތަކީ ކުލާހަށް ނުދާ ކުއްޖަކު ކުލާހަށް ދިޔަ ކުއްޖަކަށް ގުޅާފައި އޭނާ ކުލާހަށް ހާޒިރު ވިކަމަށް ފާހަނގަ ޖެހުމަށް ބުނަނީއެވެ. ދެން އެކަން ހަވާލު ކުރެވުނު ކުއްޖާ އޭނާ އަތަށް ހާޒިރީ ފައިލް އައުމުން ކުލާހަށް ހާޒިރު ނުވާ ކުއްޖާ ހާޒިރު ވިކަމަށް ފާހަނގަ ޖަހަނީއެވެ. ހަމައެހެންމެ ބައެއްފަހަރު ހާޒިރީ މާކް ކުރަން ފުރަތަމަ ލިބޭ ކުއްޖާ ކުލާހުގެ ހުރިހާ ކުދިން ހާޒިރުވި ކަމަށް ފާހަނގަ ޖަހާތަން ވެސް އާދެއެވެ.
އަޅުގަނޑު މިވާހަކަތައް ދައްކާއިރު މިވާހަކަތަކަކީ އެއަޑުއިވުމުން އާގަމަވެ ބޭހޯސްވާންވީ ވަރުގެ ވާހަކަ ތަކެއް ނޫނެވެ. މިއީ ހަމަ އެންމެން ވެސް ދަންނަ ބޮޑުސިއްރެކެވެ. ފުރަތަމަ އަހަރުގެ ގަޑިތަކުގެ ތެރެއިން ކޮންޓްރެކްޓް ލޯ 2، އެޑްމިންލޯ، ޕީއައިޖޭ މިމާއްދާތަކުގައި ރެޖިސްޓްރީ މާކްކުރައްވަން ދެއްވާނީ ދަރިވަރުންގެ އަތަށްކަން އެންމެންވެސް ދަނެވެ. އަދި އެކަމުގެ ފައިދާ ނުރަނގަޅުގޮތުގައި ވަރަށް ގިނަކުދިން ނަގައެވެ. ފަހަރެއްގައި މިކަން ނޭގޭނީ އަޅުގަނޑުގެ ހިތުން ފެކަލްޓީގައި ބަސްބުނަން ތިބޭ ބޮޑުންނަށް ވެދާނެއެވެ.

އިހުމާލެއް....!

ވަރަށްފަހުން ހިނގައި ދިޔަ ކަމެކެވެ. ފައްޔާޒް އުސްތާޒްގެ ގަޑިއެއްގައި އުސްތާޒް ހާޒިރީ މާކް ކުރައްވަން ދެއްވީ ދަރިވަރުންގެ އަތަށެވެ. އާދައިގެ މަތިންނެވެ. މާކް ކުރައްވައި ނިމުމުން އުސްތާޒް ހާޒިރީ ބެއްލެވިއިރު ކުލާހަށް ހާޒިރު ނުވާ ދަރިވަރަކު ހާޒިރު ވިކަމަށް ފާހަނގަ ޖަހައިފައި އޮތެވެ. އެހެންވެ އުސްތާޒް ހުރިހާކުދިންގެ ނަންގޮވައި އަލުން ހާޒިރީ ބެއްލެވީއެވެ. އެދުވަހު ކުލާހަށް ހާޒިރު ނުވާ ގާތްގަނޑަކަށް 10 ދަރިވަރުން ކުލާހަށް ހާޒިރު ވިކަމަށް ފާހަނގަ ޖަހައިފައި އޮތެވެ. އެދުވަހުގެ ފަހުން އުސްތާޒް ދަރިވަރުންގެ އަތަށް ހާޒިރީ މާކް ކުރައްވަން ނުދެއްވައެވެ. ނަމަވެސް މިއާ އިދިކޮޅަށް އެދުވަހުގެ ފަހުންވެސް އުސްތާޒް ދަރިވަރުންގެ އަތަށް ހާޒިރީ މާކް ކުރައްވަން ދެއްވާނަމަ އެގަޑީގެ ހާޒިރީ މައްސަލަ ތަކުގައި އުސްތާޒްގެ އިހުމާލެއް އޮތީހެވެ. އަދި ކުރިން މިބުނެވިދިޔަ ވާހަތަކަށް ވިސްނާލުމުން ހާޒިރީ ބެލުމުގެ ކަންތަކުގައި މައްސަލަތަކެއް އުޅޭކަން ސާފުވެއެވެ. އަދި އެމައްސަލަތަކަކީ ހައްލު ކުރެވޭނެ މައްސަލަ އެއްކަން ފެކަލްޓީގެ ކުރީގެ ޑީން އަމަލީގޮތުން މިވަނީ ދައްކަވާފައެވެ. މައްސަލައެއް އެބައުޅޭކަން އެނގިހުރެ އެއަށް ހައްލު ހޯދަންވާނެއެވެ. ނުހޯދައި ދޭނަމަ ބަސްބުނަން ތިބޭ ބޭފުޅުންގެ އެވަނީ އިހުމާލެކެވެ. މިއީ އަޅުގަނޑަށް ވިސްނޭގޮތެވެ.

ވަރަށް ދެރަ ގޮތެއް...!

ހަމަޖެހިފައިވާ އުސޫލުގެ ދަށުން 10 ގަޑީގެ ހާޒިރީ ނުލިބިއްޖެ ނަމަ އެކުއްޖަކަށް އިމްތިހާންހޯލަކަށް ނުވަދެވެއެވެ. މިއީ މިކަން ހިންގަމުންދާ ގޮތެވެ. ވަރަށް ހަރުކަށިކޮށް ވާކަމެކެވެ. 2009 ވަނަ އަހަރު، މިއަހަރުގެ ދެވަނަ އަހަރުގެ ފިރިހެން ކުއްޖަކަށް އަޅުގަނޑު ހަނދާންވާގޮތުން ޓޯޓް އިމްތިހާން ބަރާބަރު 10 ގަޑި ހަމަ ވުމުގެ ސަބަބުން ނުލިބެއެވެ. އެދަރިވަރު އޭނާ 10 ގަޑިހަމަ ނުވާނެކަމަށް އެޕީލް ވެސް ކުރިއެވެ. ނަމަވެސް އޭނާއަށް ޓޯޓް އިމްތިހާން ނުލިބެއެވެ. އެހެން ވުމުގެ ސަބަބުން އޭނާއަށް ޖެހޭނީ ދެން އަންނަ އަހަރެއްގައި އަލުން އެމާއްދާ ހަދާށެވެ. މިއަހަރުވެސް ގަޑިތައް ފުށުއެރުމުގެ ސަބަބުން އެދަރިވަރަށް ޓޯޓް މާއްދާ ނުހެދެއެވެ. އަންނަ އަހަރުވެސް އެގޮތަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ވަރަށް ދެރަ ގޮތެކެވެ. ފެކަލްޓީގައި ހަނދާންވާގޮތުން 2005 ވަނަ އަހަރު ކިޔަވަން ފެއްޓި އަންހެން ދަރިވަރަކު ހާޒިރީގެ މައްސަލަ ތަކުގައި އަދިވެސް ކިޔެވުން ނުނިމި އެބައުޅެއެވެ. ހަމައެހެންމެ މިއަހަރުވެސް ހާޒިރީ ނުލިބިގެން ދަރިވަރަކު ރޯންވެސް ރުޔެވެ.

އިލްތިމާސް....!

ފެކަލްޓީގެ އެޓެންޑެންސް ބެލުން އޮތީ އެންމެ ރަނގަޅަކަށް ނޫނެވެ. ގަބޫލް ކުރަމެވެ. 10 ގަޑި އަށް ހާޒިރު ނުވާ ކުއްޖަކަށް އިމްތިހާން ހަމަ ނުދޭންވީއެވެ. އެއީ އެންމެ އިންސާފުވެރި ގޮތެވެ. އެހެން ނަމަވެސް ކަންތައްތައް ވާގޮތުން ލެކްޗަރަރ އިންގެ އިހުމާލުގެ ސަބަބުން 20 ގަޑި އަށް ހާޒިރު ނުވާ ކުދިންނަށް ވެސް އިމްތިހާން އެބަ ލިބިދެވެއެވެ. 11 ގަޑިއަށްވެސް އެބަ ލިބިދެވެއެވެ. މިދިޔަ ސެމިސްޓަރ ގައި އެންމެ ގަޑިއަކަށް ހާޒިރު ވިދަރިވަރަކަށް ވެސް އިމްތިހާން ލިބުނެވެ. އިންސާފު ކޮބައި ތޯއެވެ؟ ފަރުވާ ބަހައްޓައިގެން ނަމަވެސް 10 ގަޑިއަށް ހާޒިރު ނުވެވުނު ކުއްޖާއަށް އިމްތިހާނު ނުލިބެއެވެ. އެފަދަ ދަރިވަރުން މާޔޫސްވެފައިވާ ހާލު ކަރުނައަޅަމުންދާއިރު އެއްކަލަ ބޭއިންސާފުން ހާޒިރީ ލިބި ހަގީގަތުގައި މިނަށްވުރެ ގިނައިން ހާޒިރު ނުވާ ކުދިންނަށް އިމްތިހާނު ލިބި މަޖާކުރަމުން ހަށިފުރާނޭވާލަމުން ދަނީއެވެ.
މިއީކީ އިންސާފެއް ނޫނެވެ. ނަމަވެސް މިއީ މިސެމިސްޓަރގައި ވެސް ފެކަލްޓީގައި ކަން ހިނގައިފައި ވާގޮތެވެ. އެހެންކަމުން ތަފާތު އުޒުރު ތަކާއި ހެދި 10 ގަޑި ހަމަ ވެގެން އިމްތިހާނު ނުލިބޭ ދަރިވަރުންނަށް ހަރުކަށިނުވެ، އެކުދިންގެ އުޒުރު ތަކަކީ ގަބޫލް ކުރެވޭ އުޒުރުތަކެއް ނަމަ އިމްތިހާން ލިބޭގޮތް ހެދުމަކީ އަޅުގަނޑަށް ފެންނަ އެންމެ އިންސާފުވެރި ގޮތެވެ. އަޅުގަނޑު ހިތުން އެއީ އިންސާފު ޤަބޫލް ކުރައްވާ އިންސާފަށް ލޯބި ކުރައްވާނަމަ ފެކަލްޓީގެ ބަސްބުނަން ތިބޭ ބޭފުޅުން އަމަލުކުރެއްވުން އެންމެ ރަނގަޅުގޮތެވެ. އެޓެންޑެންސްގެ މައްސަލަތަކުގައި ފެކަލްޓީގެ ޑީންއާއި ލެކްޗަރާރއިން މާހަރުކަށި ވެލެއްވުމަކީ އެކަމުގައި އެންމެ އެދެވޭ ގޮތެއް ނޫނެވެ. އެކަމުގައި ހަރުކަށި ނުވުމަށް ދަރިވަރެއްގެ ހައިސިއްޔަތުން އަޅުގަނޑު އެދެމެވެ.

ތިބޭފުޅުން ދެކިލައްވަނީ ކޮންގޮތަކަށްތޯއެވެ؟



1 comment:

Anonymous said...

ވާހަކަ ކިތަންމެ ރަނގަޅުކަމުގައި ވިޔަސް އާދަކާދައިގެ ތެރެއިން ނުވެ ނުދާނޭ ގޮތަކީ ވާހަކަ ބުނި މީހަކަށް ބަލައި އެވާހަކައަކީ އެއްވެސް ބޭސްއެއް ނެތް އެއްޗަކަށް ހަދައި އެފަދަ ވާހަކައެއް ބުނި މީހެއްގެ ކެރެކްޓަރ އަށް ހަޖޫ ޖެހުމެވެ. ވީމާ މިލިޔުމަށް ވެސް މިފަދަ ގޮތެއް ނުވެނުދާނެކަމީ ޝައްކެތް އޮތްކަމެއް ނޫން.