Friday, November 12, 2010

ބިއާޑީ ގޯޓީގެ ހަޤީގަތް





ފަހަރެއްގައި އަލަށް "ބިއާރޑީ ގޯޓީ" މިނަން އަޑުއިވޭ މީހަކަށް މިބިއާރޑީ ގޯޓީގެ ވާހަކަ ނޭގި ހުރެދާނެއެވެ. އެހެންކަމުން މީނާގެ ތަޢާރަފަކަށް ދަމާ ހިނގާށެވެ. މީނާ އަކީ ފޭސްބުކްގައި ނަމަކަށް ބިއާރޑީ ގޯޓީ މިހެން ޖަހައިގެން އުޅެމުންދާ ފިނޑި މީހެކެވެ. އަމިއްލަ އައިޑެންޓިޓީ ފާޅު ކުރަން ނުކެރޭ ޔަހޫދީ ޚިޔާލުގެ ދޯހަޅި މީހެކެވެ. މީނާ ފާޅުވެފައި ވަނީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގައި ނެރެވުނު ވާހިޔާތުތަކުން ފުރިފައިވާ ނޫހެއް ކަމުގައިވާ "ބުންޏެ ބުންޏޭ" ނެރުމުގެ ގާތްގަނޑަކަށް އެއް ހަފްތާ ކުރިންނެވެ. މީނާ ވަނީ ފެކަލްޓީގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދުމަށްޓަކައި މޫނުފޮތުގެ ބަވަނައިގައި އުޅެމުންދާ ފެކަލްޓީގެ ގިނަ އަދަދެއްގެ ދަރިވަރުން އޭނާގެ އެކައުންޓަށް އެޑްކޮށްފައެވެ.

ކޮންމެއަކަސް 27 އޮކްޓޫބަރ ވީދުވަހަކީ ފެކަލްޓީ މިއިން ދުވަހަކުވެސް ދެކެފައިނުވާ ފަދަ ހިތްދަތި ހިތާމަވެރި ދުވަހެކެވެ. އެދުވަހުގެ ދުވާލުގެ ގަޑި ދެބައިވީ ނީހައިން ފުރިފައިވާ ވާހަކަތަކުން ނެރެވުނު ނޫހާއެކު ގިނަބައެއްގެ އަބުރު ވެއްޔާ މޮޑެލުމާއެކުގައެވެ. ކޮންމެ މީހަކުވެސް އަނެކަކާ ކޮށްލާ ސުވާލަކަށް އެދުވަހުވީ އެއީ ކޮންބައެއް ކުރި ކަމެއްތޯއެވެ. ޝައްކުގެ އިނގިލިތައް އެތައް ބައެއްގެ މައްޗަށް ކުރިމަތި ކުރެވުނެވެ.

އެކި މީހުން ޝައްކު ކުރީ އެކި މީހުންނާ ދިމާލަށެވެ. ޚުދު އަޅުގަނޑާ ދިމާލަށް ވެސް ބައެއް ދަރިވަރުން މިދަންނަވާ ޝައްކުގެ އިނގިލި ދިއްކުރިއެވެ. އެދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ފެކަލްޓީގެ ޑީން ފޭސްބުކްގައި ލިޔުއްވި ސްޓެޓަސް އަކަށް ކޮމެންޓް ކުރަމުން އަޅުގަނޑު އޭގެ އެއްވެސް ކަމެއްގައި ބައިވެރި ނުވާކަމަށް މާތްﷲ ގަންދީ ހުވާކުރި މައިގަނޑު ސަބަބަކީ މިދަންނަވާ ޝައްކުތަކުން އެއްކިބާވެ ކުރިޔަށް އޮތް އިމްތިހާނަށް ވީހާވެސް އަމާން އޮމާން ކަމާއެކު ތައްޔާރު ވުމަށެވެ.

ނޫހެއްވެސް ނެރެވުނެވެ. ދަރިވަރުންގެ މެދުގައި އޮތް ހަމަޖެހުމާއި އެއްބައިވަންތަކަމުގެ ބަދަހި ގުޅުން ވެސް ނަގައިލެވުނެވެ. ދެން ފެނުނީ އެއްކަލަ ބިއާރޑީ ފޭސްބުކަށް މި ނެރެވުނު ނޫސް ސްކޭންކޮށްގެން ލީތަނެވެ. ކީކުރަންތޯއެވެ. އަޅުގަނޑަށް ގަބޫލް ކުރެވެނީ އެކަމުގެ މައިގަނޑު ބޭނުމަކީ އެނޫސް އިތުރަށް މަޝްހޫރުކޮށް ވީހާވެސް ގިނަ ބަޔަކަށް ކިޔޭނެ ގޮތް ހެދުމަށް ކަމަށެވެ. އެނޫން ކޮންބޭނުމެއް ބާވައޭ އަޅުގަނޑު ހިތަށް އަރައެވެ.

އެނޫސް މަޝްހޫރުވެ ގިނަ ބަޔަކު ކިޔާފައި ވަނީވެސް ބިއާރޑީ ކުރި ބުރަމަސައްކަތުގެ ނަތީޖާއިންނެވެ. މިއާއެކު ބިއާރޑީ ވަނީ ނޫސްނެރުނީ ކޮންބަޔެއްކަން ވަކި ތާރީޚެއްގައި ހާމަ ކުރާނެ ކަމަށްބުނެ ފޭސްބުކްގައި ލިޔެފައެވެ.
ބިއާރޑީ އޭނާ ބުނީ ތާރީޚަށް ވުރެ ކުރިން އޭނާ މިބުނާ ހެކިތައް ފޭސްބުކްގައި ޝާއިރުކުރިއެވެ. މިބިއާރޑީ ޝާއިރުކޮށްފައި ވަނީ ފެކަލްޓީގެ ކުދިންކޮޅެއް ފޭސްބުކްގައި ހަދައިފައިވާ ދެގްރޫޕެއްގައިވާ ކޮމެންޓްތަކެއްގެ ސްކްރީން ޝޮޓެވެ. މި ދަންނަވާ ގްރޫޕްތަކަކީ ފެކަލްޓީގެ ގާތްގަނޑަކަށް ހުރީހާ އެންމެން އުޅެމުންދާ ތަނެކެވެ. މި ގުރޫޕް ތަކަކީ މާސިއްރުވެރި ގޮތަކަށް ހިންގޭ ގްރޫޕްތަކެއް ނޫނެވެ. އެތާގައި ވާހާ އެއްޗެއް އެންމެނަށް ފާޅު ގޮތުގައި ފެންނާނެއެވެ.

ބިއާރޑީގެ މަސައްކަތުން އޭނާ ފޭސްބުކަށް ހެކީގެ ގޮތުގައި އަޕްލޯޑް ކޮށްފައިވާ 2 ފޮޓޯއަކުން ނޫސްނެރުނީ ވަކި މިވެނި މީހެކޭ ނުވަތަ ބައެކޭ ބުނެވޭވަރުވާނެއެވެ. އޭނާ އަޕްލޯޑްކޮށްފައިވާ ދެފޮޓޯއެއްގައި ވާނީ ކޮލެޖްގައި ކިޔަވަމުންދާ އަންހެން ދަރިވަރަކާއި ފިރިހެން ދަރިވަރަކާއި ދެމެދު ފޭސްބުކް މެސެޖްގެ ޒަރިއާއިން ކުރެވިފައިވާ މުއާމަލާތް ތަކެވެ. މި ފޮޓޯތައް ހެދިފައިވާ ގޮތުން، މިފޮޓޯތައް ބަލައިލާ މީހަކަށް ހައްޤު ފާޅުވާފަދައެވެ. ބިއާރޑީގެ މަޅީގައި ޖެހިފައިވާ ބައެއް ދަރިވަރުން ބިއާރޑީގެ ޕްރޮފައިލުން ސާފުވާނެއެވެ. ނަމަވެސް ބޮޑުމަންޒަރުން ބަލައިލީމާ މީވަކި ބަޔަކު މަޅީގައި ޖައްސަން ވެގެން ޖަހާފައިވާ މަޅިއެއްކަން ޔަގީންވާނެއެވެ.

އަޅުގަނޑު މިދެންނެވި ދެފޮޓޯ އަށް ބައްލަވާށެވެ. ފެކަލްޓީގެ ތެރެއަށް "ބުންޏޭ ބުންޏޭ" ނޫސް ލީކްވެފައި ވަނީ 27 އޮކްޓޫބަރ ވީ ދުވަހުގެ މެންދުރު 12 އެހާކަންހާއިރުއެވެ. ފޮޓޯގައި އަންހެން ދަރިވަރު ފިރިހެން ދަރިވަރަށް ފޮނުވާ މެސެޖް ފޮނުވާފައި ވަނީ 27 ވަނަ ދުވަހުއެވެ. ގަޑިއަކަށް އިނީ 3:50 am އެވެ. އެއީ އިނގިރޭސިން ބުނާނަމަ އާފްޓަރ މިޑްނައިޓް އެވެ. ދަންވަރު އަދި ނޫސް ނުނެރެނީސް ބަސްޓު ވެއެޖެ އޭ ކިޔާފައި މެސެޖް ފޮނުވާނެ ހެއްޔެވެ! އެ މެސެޖަށް ފިރިހެން ދަރިވަރު ރިޕްލައި ކޮށްފައި ވަނީ ވެސް ހަމަ އެދުވަހު ހެނދުނު 8:15 ގައެވެ. އޭރުވެސް އަދި މިނޫހެއް ނުނެރެއެވެ.

ފޭސްބުކްއިން ފޮނުވާ މެސެޖްތަކުގައި ސްޓޯވެފައި ވާނީ ފޭސްބުކްގެ ގަޑިއެވެ. އެއްވެސް ގޮތަކަށް ފޭސްބުކްއަށް ވަދެފައިވާ ކޮމްޕިއުޓަރުގެ ގަޑިއެއް ނޫނެވެ. ގަބޫލް ނުކުރެވޭ ނަމަ ފޭސްބުކް އިން މެސެޖް އެއް ފޮނުވާފައި އަމިއްލައަށް ބައްލަވާށެވެ.

އަދިވެސް އެ ފޮޓޯއަށް ބައްލަވާށެވެ. އެފޮޓޯގައިވާ ފިރިހެން ދަރިވަރުގެ ފޭސްބުކް އައިޑީ ބިއާރޑީ ވަނީ ހެކްކޮށްފައެވެ. އެހެން ކަމުން އެޕްރޮފައިލުން ބިއާރޑީ އަށް މެސެޖް ކުރެވިދާނެއެވެ. ފޮޓޯގައި އަންހެން ދަރިވަރާއި ފިރިހެން ދަރިވަރު ލިޔެފައިވާ އިބާރާތް ކޮޅު ޒޫމްކޮށްގެން ބައްލަވާށެވެ. އަންހެން ދަރިވަރު ލިޔެފައިވާ އިބާރާތް ފުސްވެފައި، ފިރިހެން ދަރިވަރިވަރު ލިޔެފައިވާ އިބާރާތް ސާފުކޮށް އޮންނަންވީ ކީއްވެ ހެއްޔެވެ! ސްކްރީން ޝޮޓްއެއްގައި އެފައިންވާނަމަ އެއީ އެ ފޮޓޯއެއް އެޑިޓްކޮށްފައިވާކަމުގެ އަލިގަދަ ހެއްކެކެވެ.
ލިޔުން ތަންކޮޅެއް ދިގުވުމާއެކު މިހާ ހިސާބުން ކުރުކޮށްލަމެވެ. ލިޔުމުގެ ފަހުބައި ދެންލިޔާ އާރޓިކަލްއެއްގައި ލިޔާނަމެވެ. (އިންޝާ އައްﷲ)

No comments: