Saturday, October 3, 2009

ރަންގަޅު ގޮތާއި ނުރަނގަޅު ގޮތް!!!

އަޅުގަނޑުމެންގެ ލޮބުވެތި ދީންކަމުގައިވެގެންވާ އިސްލާމް ދީނުގައި ތެރޭގައި ފަހަކަށް އައިސް ފެތުރިފައި މިވަނީ އިންތިހާ ދަރަޖައިގެ ދެކޮޅުވެރިކަމާއި ބައިބައިވުމާއި ހަމަ ނުޖެހުމެވެ. މި ހަމަނުޖެހުންތަކުގެ އަސްލު ކަމުގައި އަޅުގަނޑު ދެކެނީ:
1. ދީނުގެ ކަންކަން ނޭގޭ ބަޔަކު އެމީހަކު ހިތުހުރި ގޮތަކަށް ކަންކަމަށް ފަތުވާ ދިނުން
2. އިސްލާމްދީނުގެ ތައުލީމް ހާސިލް ކޮށްފައިވާ އަޅުގަނޑުމެން ކިޔާ ގޮތުންނަމަ ދީނީ އިލްމުވެރިން ނުވަތަ ޝައިޚުން އެކި މައްސަލަ ތަކުގައި ޚިޔާލު ތަފާތުވުން ބޮޑުވުން
3. މަދަރުސީ ތައުލީމުގައި އެނގެން ޖެހޭ ވަރަށް ދީނީ މައުލޫމާތު ތައުލީމީ މުޤައްރަރުގައި ހިމެނިފައި ނުވުން.
ނިކަން ވިސްނައިލަމާ ތޯއެވެ! ތަފާތު އެކި އެކި ދެބަސްވުން ތަކުގެ ޒުވާބެއްގެ ތެރޭގައި އަޅުގަނޑުމެން އުޅެން މިޖެހެނީ ހައްޤާއި ނުބައި އޮޅިގެންވާ ހާލުގައެވެ. އެއް ބަޔަކު ރަނގަޅު ގޮތަކީ މިއީ ކަމުގައި ބުނާއިރު އަނެއް ބަޔަކު ބުނަނީ ރަނގަޅު ގޮތަކީ އެއީ ކަމުގައެވެ. މީގެ ހެއްކެއްގެ ގޮތުގައި ލަވަޔާއި މިއުޒިކު ހަލާލު ހަރާމް ކުރުމުގައި ޢަޅުގަނޑުމެން ތެރޭގައިވާ ދެބަސްވުން ފުދެއެވެ.
ވަރަށް ފަހުން އަޅުގަނޑުމެންގެ މުޖްތަމަޢުގައި އެންމެ ބޮޑަށް ފެތުރިގެން ދިޔަ ވާހަކައަކީ ދެމަފިރިއަކު ކުޑަކުދިން ޖާރިޔާއިންގެ ގޮތުގައި ގެންގުޅެމުންދާ ވާހަކައެވެ. އަޅުގަނޑު އެވާހަކަ މީހެއްގެ ބްލޮގަކުން ކީމެވެ. ހުކުރު ހުތުބާއަކުން އަޑުއެހީމެވެ. ސިޔާސީ ޕާޓީއެއްގެ ޖަލްސާއަކުން އަޑުއެހީމެވެ. ވަރަށް ވެސް ހިތާމަ ހުރި ކަމެކެވެ. އަޑުއިވިފައިވާ ގޮތުގައި އެކަން ކުރަމުންދާ މީހުން ދެކޭ ގޮތުގައި އެކަމަކީ ދީނުގައި ހުއްދަ ކަމެކެވެ.
އެއްފަހަރަކު މީހެއްގެ ލިޔުމެއް ކިޔާ ނިމުނު އިރު އަޅުގަނޑަށް ހީވެފައި އޮތީ ތުނބުޅި ނުބަހައްޓާނަމަ އެމީހަކީ މުސްލިމެއް ނޫން ކަމުގައެވެ. އަދި ބައެއްފަހަރު އަޅުގަނޑު މި ބުނާ ތުނބުޅި ލައިގެން އުޅޭ މީހުން، އެމީހުންގެ މެދުގައި ތުނބުޅި ނުލައި އުޅޭ މީހުންނާއި ތުންބުޅި ލައިގެން އުޅޭ މީހުންގެ މެދުގައި ތަފާތު ކުރެއެވެ. އެގޮތުން އަޅުގަނޑަށް ޔަގީން ވެފައިވާ ގޮތުގައި މިރާއްޖޭގައި ދީނީ ތައުލީމާއެކު ޤާނޫނު ކިޔަވައިދޭ ތަނެއްކަމުގައިވާ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯވ ގައި އެތާގެ ބައެއް ލެކްޗަރާއިން މިގޮތަށް ތަފާތު ކުރެއެވެ.
އަޅުގަނޑަށް ހީވަނީ މިރާއްޖޭގައި މިކިޔާ ބައެއް ދީނީ އިލްމުވެރިންނަކީ އެމީހުންގެ ހިތުގައި ހެއްދެވިފަރާތަށް ބިރުވެތިވުމެއް ނެތް، އެއްވެސް އީމާންތެރިކަމެއް ނެތް ބައެއް ހެންނެވެ! ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއްގެ ދަރިއެއް އެއްފަހަރަކު އަޅުގަނޑު ކައިރީ ބުންޏެވެ! ތިމަން އެއްދުވަހަކު ކޮޓަރީގައި އޮރިޔާން ފިލްމެއް ބަލަން އިންދައި ތިމަންގެ ބައްޕަ އަށް އެތަން ފެނުނެވެ. ނަމަވެސް ބައްޕަ އެކަމާ ބެހޭ ގޮތުން އަޅުގަނޑާ ސުވާލު ނުކުރެއެވެ. އެއްޗެކޭ ވެސް ވިދާޅު ނުވެއެވެ. އަޅުގަނޑު ހިތަށް އެރިއެވެ. މިއީ ހަމަ ރަނގަޅު ގޮތް ހެއްޔެވެ. އަޅުގަނޑުގެ ޒަމީރަކަށް އެނާގެ ބައްޕަ އަމަލު ކުރިގޮތާމެދު އެއްބަހެއް ނުވެވެއެވެ.
އަދިވެސް ވަރަށް ތާކުންތާކު ނުޖެހޭ ކަންތައް އެބަހުއްޓެވެ. ރާއްޖޭގެ ބައެއް ދިނީ އިލްމުވެރިން ރާ ގެންގުޅުމާއި ވިއްކުން ހަރާމް ކުރެއެވެ. އޭގެން ލިބޭ ފައިސާ ހަރާމް ކުރެއެވެ. މީގައި އަޅުގަނޑަށް ހެވޭ ހަމަކީ މިފަދައިން ބުނާ ބައެއް މީހުންނަކީ ވެސް އެމީހުންގެ އަމިއްލަ ރިސޯޓު ހިންގާ އެތަންތަނުގައި ރާ ވިއްކާ މީހުންނެވެ.
ދެންވެސް އެކިއެކި ދިމާލުން މި ފެންނަނީ ތަފާތު ވާހަކަ ތަކެވެ. ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރާ މީހުން ދެކޭ ގޮތުގައި އެމީހުން އަމަލު ކުރަނީ އެންމެ ރަނގަޅަށެވެ. އެމީހުންގެ ވާހަކަ އަޑު އަހާލުމުން އެދައްކާ ވާހަކަ ވެސް ގަބޫލް ކުރެވެއެވެ. އެފަދަ މީހުން ދެކެނީ ޖާހިލެއްގެ ކުރިމަތީގައި ނުވަތަ ހަރާންކޯރު މީހެއްގެ ފަހަތުން ނަމާދު ކުރުން ރަނގަޅު ނޫން ކަމެވެ. އެމީހުންގެ ވާހަކަތައް ވެސް ކުރިން މިބުނެވުނު ރާވިއްކާ މީހުންނަށް ވުރެ ތާކުން ތާކު ޖެހެއެވެ. ބުރަދަނެއް އެބަހުއްޓެވެ.
ކީއްކުރާނީ ދޯއެވެ! އަޅުގަނޑަށް ވެސް އޮޅިއްޖެއެވެ. ރަނގަޅު ގޮތާއި ނުރަނގަޅު ގޮތަކީ ކޮބައި ތޯ އެވެ ! ! !

No comments: