Thursday, March 10, 2011

FSL Football Tournament 2011



އެފް.އެސް.އެސް ފުޓުބޯޅަ މުބާރާތް

ކޮންމެ އަހަރަކުވެސް ފެކަލްޓީގައި ބާއްވަމުން އަންނަ ފުޓުބޯޅަ މުބާރާތް މިމަހު 5 ގައި ފެށި، މިދިޔަ ހޯމަ ދުވަހަށް ނިމިފައިވާއިރު، މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި ވަނީ ލެކްޗަރާއިންގެ ޓީމެވެ. މުޅި މުބާރާތަށް ބަލާއިރު، މިއަހަރުގެ މުބާރާތް ސިފަ ކުރެވެނީ އެއްވެސް ހިންގުންތެރިކަމެއް ނެތް ރޭވުންތެރިކަމެއް ނެތް "ވައި" މުބާރާތެއްގެ ގޮތުގައެވެ.

މިއަހަރުގެ މުބާރާތުގައި 7 ޓީމް ވާދަކޮށްފައި ވެއެވެ. އެއީ:

އެއް.އެލް.ބީ ޔެއަރ 1

މިޓީމަކީ މި މުބާރާތުގައި މުޅިން އަލަށް ވާދަކުރި ޓީމެކެވެ. މިއީ މިއަހަރު އަލަށް ފެކަލްޓީގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ ޓީމެކެވެ. މިޓީމް ވެގެން ގޮސްފައި ވަނީ ހީކުރެވުނު ގޮތަށް ވަރަށް ސަޕްރައިޒިން ޓީކަމަށެވެ. މި ޓީމްގައި އެންމެ ފާހަނގަ ކޮށްލެވޭ ކުޅުންތެރިންނަކީ މުޙައްމަދު ނަޝީދު (އަންނި / ކުރިން ފެކަލްޓިގައި ތައުލީމް ހާސިލް ކޮށް 2009 ވަނަ އަހަރު ޔެއަރ 1 ގެ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެއް) އަދި އާޔަތުއްﷲ (މިއަހަރު ޔެއަރ 4 ގެ ދަރިވަރެއް) އަދި ހަމަ އެހެންމެ އެޓީމުގެ ޖާރޒީ ނަމްބަރ 10ގެ ކުޅުންވެސް ވަރަށް ފާހަނގަ ކޮށްލެވުނެވެ. މިޓީމް މުބާރާތަށް އަލްވަދާއުކީ ސެމީފައިނަލްގައި ބަލިވުމުންނެވެ.

އެއް.އެލް.ބީ ޔެއަރ 2

މިޓީމަކީ މިއަހަރުގެ މުބާރާތަށް އެންމެ ތައްޔާރުވި އެއްޓީމެވެ. ތަށިހާސިލް ކުރުމުގެ އަޒުމުގައި ފާއިތުވެދިޔަ އަހަރުތަކުގެ މޮޅުކުޅުންތެރިން ހޯދާ މުބާރާތް ފެށުމުގެ އެއްމަސްދުވަސް ކުރިން ވަނީ ޕްރެކްޓިސް ފަށައިފައެވެ. މާލީގޮތުން އެންމެ ބޮޑު މުއްސަދިކަމެއް ލިބިފައިވާ މިޓީމުގެ ގިނަ ކުޅުންތެރިންނަކީ ފާހަނގަ ކޮށްލެވޭ ހުނަރުވެރި ކުޅުންތެރިންނެވެ. އޭގެތެރޭގައި ސަމާޙް، ތޯޙާ، އުމަރު ހިމެނެއެވެ. ޓީމުގެ ފޮރިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޔަޝައު(ކުރީގެ އޭސީއެސްއެލް ގްރެޖުއޭޓެއް)، ޒުއްބަ (ގްރެޖުއޭޓެއް، މިހާރުގެ ޖިނާއީ ކޯޓުގެ ގާޒީއެއް) އަދި މޯޑު އަކީ ވެސް ވަރަށް ފާހަނގަ ކޮށްލެވޭ ކުޅުންތެރިންނެވެ. ނަމަވެސް މިޓީމަށް ވަނީ އެޓީމުގެ އަސްލު ކުޅުން މުބާރާތުގައި ދައްކާލެވޭ ގޮތް ނުވެފައެވެ. މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނީ ސެމީފައިނަލާ ހަމައިންނެވެ.

އެއް.އެލް.ބީ ޔެއަރ 3

މިޓީމަކީ މި މުބާރާތުގައި 3 ފަހަރު ބައިވެރިވެ މިއަދާހަމަ އަށް ތައްޓެއް ހާސިލް ނުކުރެވިފައިވާ ޓީމެކެވެ. މިޓީމްގައި އެންމެ ފާހަނގަ ކޮށްލެވެނީ އެޓީމްގެ ސަޕޯޓަރުންނެވެ. ފާއިތުވެދިޔަ މުބާރާތްތަކުގައި ކުޅުންތެރިންނާ އެއްވަރަށް އެޓީމްގެ ސަޕޯޓަރުންގެ ހުނަރުވެސް ވަނީ ދައްކާލާފައެވެ. ނަމަވެސް ސަޕޯޓަރުންގެ އެހީއެއްމިޓީމަށް މިފަހަރުގެ މުބާރާތުގައި ނުލިބުމަކީ ވަރަށް ހައިރާންވި ކަމެކެވެ. މިޓީމްގައި އެންމެ ފާހަނގަ ކޮށްލެވޭ ކުޅުންތެރިއަކީ ކުރީގެ އޭސީއެސްއެލްގެ ގްރެޖުއޭޓެއް ކަމަށްވާ ޝަފްރާޒް (ސައްޕެ) އެވެ.

އެއް.އެލް.ބީ ޔެއަރ 4

މިނަމުގައި ކޮންމެ މުބާރާތެއްގައި ކުޅޭޓީމަކީ އަބަދުވެސް މުބާރާތުގައި ވަރަށް ފާހަނގަ ކޮށްލެވޭ ޓީމެކެވެ. ފާއިތުވެދިޔަ މުބާރާތް ތަކުގައި މިނަމުގައި ކުޅުނު ވަރަށް ގިނަ ޓީމްތައް ވަނީ މުބާރާތް ތަކުގެ ޗެމްޕިއަންކަން ހޯދާފައެވެ. ނަމަވެސް މިއަހަރުގެ މިޓީމް ބެލެވިފައި ވަނީ އެހެން އަހަރުތަކާ ޙިލާފަށް ވަރަށް "ބަލި" ޓީމްއެއްގެ ގޮތުގައެވެ.

ޑީ.ޖޭ.އެސް

މިއީ ގްރެޖުއޭޓުންގެ ޓީމެކެވެ. ޑިޕްލޮމާ އިން ޖަސްޓިސްކޯހުގެ ދަރިވަރުންގެ ޓީމެކެވެ. 2010 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީވެސް މިޓީމްއިންނެވެ. ފާހަނގަ ކޮށްލެވުނު ކުޅުންތެރިންގެ ތެރޭގައި އިއްބެ(އޮބި)، އިއްބެ (ވާހިދު) އަދި ޒާލިފް ހިމެނެއެވެ. އެލް.އެލް.ބީ ގެރެޖުއޭޓުންގެ ތެރެއިން ޝާފިއު ކުޅެފައި ވަނީ މިޓީމްއަށެވެ. މި ޓީމްއަކީ މިފަހަރުގެ މުބާރާތުގެ ރަނަރަޕް ޓީމެވެ.

ގްރެޖުއޭޓްސް

މިޓީމަކީ އެކިއަހަރުތަކުގައި ގްރެޖުއޭޓްވެފައިވާ ދަރިވަރުންގެ ޓީމެކެވެ. ޓީމް ހިންގުމުގައި އިސްކޮށްއުޅެފައިވަނީ ކުޑަ ނާޒިމްއެވެ. ހިންގުންތެރިކަމެއްނެތް މިޓީމް ކުޅުނު ފުރަތަމަ މެޗް ފެށިއިރުވެސް ކުޅުންތެރިން ހަމައެއް ނުވެއެވެ. މުބާރާތުން އަލްވަދާޢު ކިޔައިފައި ވަނީ ގްރޫޕް ސްޓޭޖްގައެވެ.

ލެކްޗަރާރސް

މިއީ ހަގީގަތުގައި ކޮލެޖްގައި ކިޔަވައިދެމުންދާ ލެކްޗަރަރއިން މުބާރާތުގައި ބައިވެރިކޮށް ދަރިވަރުންނާއި މުދައްރިސުންގެ މެދުގައި ވާގުޅުން ބަދަހި ކުރުމަށް މިދިޔައަހަރުއްސުރެ އުފެދިފައިވާ ޓީމެކެވެ. އެހެން ނަމަވެސް މިއަހަރު މިޓީމް ވެފައިވަނީ ފެކަލްޓީއިން ބައިވެރިވާ ޓީމަކަށްވުރެ ބޮޑަށް ޔުނިވާސިޓީއިން ހޮވާލެވިފައިވާ ޓީމަކަށެވެ. އެހެން މިދެންނެވީ މިޓީމްގައި މިއަހަރު ހިމެނިފައިވަނީ ފެކަލްޓީއާއި ގުޅުންހުރި އެންމެ މީހެކެވެ. ދެންބާކީތިބީ ހުސް ޔުނިވާރސިޓީގެ އިދާރީ އޮފީހުގެ މުވައްޒަފުންނެވެ. މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ މިޓީމް އިންނެވެ. އެހެންނަމަވެސް މިޓީމަކީ މިމުބާރާތުގައި މިނަމުގައި ކުޅުމުގެ ފުރުސަތު ދެވިގެންވާނެ ޓީމެއްކަމަށް އަޅުގަނޑު ނުދެކެމެވެ.

No comments: