Wednesday, June 29, 2011

ދަރިވަރުންގެ ޖަމްއިއްޔާ ވެސް ވުޖޫދަށް އަތުވެއްޖެއެވެ

ދަރިވަރުންގެ ޖަމްއިއްޔާ އެއް ހެދި، އެ ޖަމްއިއްޔާ ރަނގަޅަށް ހިނގަން ފެށުމަކީ ފެކަލްޓީގެ ދަރިވަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. ހަގީގަތުގައި ދަރިވަރުންގެ ޖަމްއިއްޔާގެ ބޮޑު މަންޒަރު ދެކޭނަމަ އެ ޖަމްއިއްޔާގެ މައިގަނޑު ބޭނުމަކީ ފެކަލްޓީގެ ތެރޭގައި ދަރިވަރުން ކުރާ އެކިއެކި ކަންކަމުގައި އިސްނަގައި ހަރަކާތް ތެރިވާނެ ދަރިވަރުން ތަކެއް ނަން ވެފައި ވުމެވެ. ނުވަތަ އިސްކޮށް ހަރަކާތް ތެރިވާނެ ދަރިވަރުން ކޮޅެއް ތިބުމެވެ.

އިއްޔެ ނިމިގެން ދިޔަ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ދަރިވަރުންގެ ޖަމްއިއްޔާގެ އެކި މަގާމްތަކަށް މެމްބަރުން އިންތިހާބުކުރުމުގެ އިންތިހާބު ނިމިގެން ދިޔައީ ކުރިން ހީކުރެވުނުހާ ފޯރި ގަދަކޮށް ނޫން ނަމަވެސް، އުންމީދަކީ މުސްތަގުބަލުގައި އެ ޖަމްއިއްޔާއިން ރާވާ ހިންގާ ހަރަކާތް ތަކަކީ ފޯރިގަދަ، ދަރިވަރުން ހިންހަމަ ޖެހޭ ހަރަކާތް ތަކަކަށް ވާނެކަމަށެވެ.

ޖަމްއިއްޔާގެ އިންތިހާބުކުރެވިފައިވާ އެކިއެކި މަގާމްތައް:

ރައީސް : އަޙްމަދު ސިނާޒް

ނައިބު ރައީސް (އިލްމީ) : އަޙްމަދު ނާޒިމް އަބްދުއް ސައްތާރު

ނައިބު ރައީސް (އަމަލީ) : މުޙައްމަދު ޝިފާޒް

އަމީންއާންމު : އިބްރާހިމް އިހުސާން

ހަޒާންދާރު : ޝަމީމް ފައިސަލް

އެކިއަހަރު ތަކުގެ މަންދޫބުން: ސިރާޖް، ހަސްނާ މުޙައްމަދު، މުނާ ޝަމީމް، އަބްދުއްﷲ ޒާހިރު،

އިންތިހާބު ވެސް ނިމިގެން ދިޔައީއެވެ. މިހާރު ކޮންމެ މީހަކު ވެސް ދެން ހިތަށް އަރާނީ މި ޖަމްއިއްޔާ އެއް ވުޖޫދަށް އައުމުން ލިބެނީ ކޮން ފައިދާ އެއްތޯއެވެ! މީ ކީއްކުރާ ޖަމްއިއްޔާ އެއްތޯއެވެ. އިންތިހާބުވީ ޖަމްއިއްޔާ އިން ހާސިލް ކުރާނެ ބައެއް ލަނޑުދަނޑިތަށް ކުރިން ވަނީ ވަރަށް ގަދަ އަށް މަޝްވަރާ ކުރެވިފައެވެ. އެމަޝްވަރާތަކުގައި މިހާރު ޖަމްއިއްޔާ އަށް އިންތިހާބުވެފައިވާ ރައީސް އަދި އަމީންއާންމު ވެސް ބައިވެރި ވެފައި ވެއެވެ. މައިގަނޑު ގޮތެއްގައި އެކަންތަކަކީ:

· ދަރިވަރުންގެ މަޖައްލާއެއް ހެދުން

· ބަލްކް އެސްއެމްއެސް ސިސްޓަމެއް ގާއިމް ކުރުން

· ފެކަލްޓީ ގައި ވައިފައިން އިންޓަރނެޓް ލިބޭނެ ނިޒާމެއް ގާއިމް ކުރުން

· ދަރިވަރުންގެ ކިޔަވާ މާއްދާތަކުގެ ސަބްޖެކްޓް އައުޓްލައިން އަޕްޑޭޓް ކުރުމަށް ބާރުއެޅުން

ފެކަލްޓީ އަށް ނަމަ ދަރިވަރުންނަށް ނަމަ މިނޫން ވެސް ކޮށްދެވިދާނެ އެތައް ކަމެއް އެބަހުއްޓެވެ. މިސާލަށް ތަފާތު ކުދިންނަށް ތަފާތުކޮށް އޮންނަ ހަޒިރީ މާކް ކުރުމުގެ ކަންތައް ހައްލު ކުރެވިދާނެއެވެ. ކިވަޔައިދޭ މާއްދާ ތަކަށް ލެކްޗަރާއިން ހޯދުމަށް އިދާރާ އަށް އަމަލީ ގޮތުން އެހީތެރިވެވިދާނެއެވެ.

މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކީ އިންތިހާބުވެފައިވާ ޖަމްއިއްޔާ އަށް މިކަން ހިންގާލެވޭނެ ތޯއެވެ. އިންތިހާބު ވެފައިވާ ދަރިވަރުންގެ ގިނަ މީހުންނަކީ އެންމެ ދެރަމިނުން ޖަމްއިއްޔާގެ އަސާސީ ގަވާއިދު ރަނގަޅަށް ކިޔާފައިވާ ބައެއްވެސް ނޫނެވެ. ހަގީގަތުގައި މި ޖަމްއިއްޔާ މުސްތަގުބަލުގައި ވުޖޫދުގައި ބޭއްވުމަށް ދެވޭ އެންމެ ބޮޑު ހިއްވަރަކީ މިފަހަރު ޖަމްއިއްޔާގެ ހިންގުން މެކުހަށް ޖެހުމެވެ.

އަޅުގަނޑު ކުރިން ދެންނެވި މަޝްވަރާ ކުރުން ތަކުގައި ބައިވެރިވި މީހެއްގެ ހައިސިއްޔަތުން އަޅުގަޑުގެ ހިތުގައި ވެސް ހަމަލިޔުމުގައި މިވާ ބައެއް ލަނޑުދަނޑިތައް އޭގެ ކާމިޔާބާ ހަމައަށް ވާސިލް ވުމުގެ މަގުޗާޓު ކުރެހި ތަސައްވުރު ވެފައި ވެއެވެ. ހަމަ އެހެންމެ އެއިގެ ބައެއް ލަނޑުދަނޑި ތަކަކީ ވަރަށްކުރިންސުރެ އެކަންތައް ފެެއްޓުމުން ފެކަލްޓީއަށް ކުރިއެރުން ލިބޭނެ ކަމަށް އަޅުގަނޑު މިބްލޮގް ގައި ވެސް ލިޔެވި ތަފްސީލް ކުރެވިފައިވާ ކަންތަކެވެ.

ކޮންމެއަކަސް އުންމީދަކީ މިފަހަރު ޖަމްއިއްޔާ ފުރިހަމަ އަށް ހިންގާލާނެކަމެވެ. އަދި ހަމަ އެހެންމެ މިފުރުސަތުގައި ޖަމްއިއްޔާގެ އެކި މަގާމްތަކަށް ހޮވިފައިވާ މެމްބަރުންނަށް ވަރަށް ހޫނު މަރްހަބާ އެއް ކިޔަމުން، ޖަމްއިއްޔާ ހިންގުމުގައި އަޅުގަނޑަށް ވީވަރަކުން، އަޅުގަނޑުގެ ލަޔާގަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ ފެންވަރަކުން އެހީތެރިކަންދޭނެ ކަމުގެ ފުރިހަމަ އިތުބާރު އިންތިހާބުވެފައިވާ އެންމެހާ މެމްބަރުންނަށް ދެމެވެ.

No comments: