Wednesday, May 25, 2011

އިމްތިހާނުގައި ކޮޕީކުރުމުން ދޭންވީ ބޮޑުއަދަބެއް ހެއްޔެވެ! ނޫނީ ކުޑައަދަބެއް ހެއްޔެވެ!

އިމްތިހާނު ތަކުގައި ކޮޕީ ކުރުމުގެ ވާހަކައަކީ އަޅުގަނޑުމެންނަށް އާވާހަކައެއް ނޫނެވެ. ހަގީގަތަކީ މިއީ އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރޭގައިވާ ވަރަށް ނުރަނގަޅު ސިފައެކެވެ. ކޮންމެ ވެސް މޮޅުގޮތަކުން އިމްތިހާނުގައި ކޮޕީކޮށްލައިގެން މޮޅު ނަތީޖާއެއް ހޯދުމަކީ ބައެއްމީހުންނަށް ކިޔެވުމަށް ވުރެވެސް މާމޮޅުގޮތެކެވެ. ދެރަކަމަކީ ތިމާއަށް ހޯދޭ ނަތީޖާއަކީ ނުހައްގުން ހޯދޭ ނަތިޖާ އެއްކަން ނުވިސްނޭތީއެވެ.

ސުކޫލެއްކަމަށް ވިޔަސް، ޓީޗަރުކަން ކިޔަވާ ފެކަލްޓީއެއް ކަމުގައި ވިޔަސް ކޮޕީ ކުރުން މިވަނީ އާންމުވެފައެވެ. ނަމަވެސް ގާނޫނީ ދާއިރާގައި ކިޔަވާ ދަރިވަރުން ކޮޕީ ކުރެޔޭ ބުނެފިނަމަ އެކަން އަޅުގަނޑުގެ އަމިއްލަ ޒަމީރަށްވެސް ގަބޫލް ކުރަން ދައްޗެވެ. އަޅުގަނޑުމެން ގާނޫނު ކިޔަވާ ދަރިވަރުން ވާންޖެހޭނީ މިފަދަ ކަންތަކުން އެއްކިބާވެގެންވާ ތަންކޮޅެއް ބަނިޔާދަން ބަޔަކަށެވެ!

ތަންކޮޅެއް ކުރީގެ ތާރީޚަކަށް ޖެހިލަމާ ތޯއެވެ. ގާޒީންނަށް އަމާޒުކޮށްގެން އެމީހުންގެ ފެންވަރުމަތިކޮށްދިނުމުގެ މަޤްސަދުގައި ކުއްލިއްޔާއިން ހިންގަމުން އައި ކޯހެއްގައި، އެކޯހުގައި ކިޔަވަމުންއައި ގާޒީއަކު ކޮޕީކޮށްގެން ފަޅާއެރިއެވެ. އަޅުގަނޑުމެންގެ އާންމު ބަހުންނަމަ 'ބަސްޓު' ވީއެވެ. އޭރު އެގާޒީ އަކީ ޖިނާއީކޯޓުގައި މަސައްކަތް ކުރަމުން އަންނަ ގާޒީއެކެވެ. ބުނެވޭ ގޮތުގައި އެގާޒީ ކޮޕީކުރީ އެނާ އެއްޗެހިތަކެއް ލިޔެފައިވާ ގަޑެއް ސިއްރުން އިމްތިހާނުހޯލަށް ވައްދައިގެންނެވެ. ވަރަށް ދެރަކަމެކެވެ. އެއީ ނިމިގެން ދިޔަ އަހަރުގައި ހިނގާދިޔަ ކަމެކެވެ. އެކަމުގެ ސަބަބުން އެގާޒީ އެއިމްތިހާނުން ފެއިލް ކޮށްލެވުނެވެ.

އެތާރީޚަށް ވުރެވެސް ކުރިއަށް ޖެހިލަމާތޯއެވެ. 2009 ވަނަ އަހަރު ފެކަލްޓީ އޮފް ޝަރިއާ އެންޑް ލޯގައި ކިޔަވަމުން ދިޔަ ދަރިވަރަކު އަހަރުގެ ބޮޑު އިމްތިހާނުގައި ޓީޝޫ އެއްގައި ލިޔެގެން ކޮޕީ ކުރަނިކޮށް ފަޅާއެރިއެވެ. މިބުނާ ދަރިވަރު އެއަހަރުގެ އެސެމިސްޓަރުގެ އިމްތިހާނަކުން ފެއިލްކޮށްލެވުނެވެ.

ކޮޕީކުރުމަކީ ހަރުކަށި އަދަބު ދޭންޖެހޭ މައްސަލައެކެވެ. ނަމަވެސް ހަރުކަށިކަން އިންތިހާއަށް ގޮސް ހައްދުން ނައްޓާ ހިސާބަކަށް ނޫނެވެ. އަޅުގަނޑުގެ ނަޒަރުގައި ފެކަލްޓީ އޮފް ޝަރިއާ އެންޑް ލޯގައި މިކަމުގައި ގެންގުޅެނީ މާހަރުކަށި އުސޫލެކެވެ!

އަޅުގަނޑުގެ ނަޒަރުގައި ކޮޕީކުރުމަކީ ކުށެކެވެ. ގިނަފަހަރު މިކުށަށް ދަފަރާ ވެވޭކަށްވެސް ނޯވެއެވެ. އިންސާނުންނަކީ ކުށްކުރެވޭ ބަޔަކަށް ވީހިނދު، ކުރެވޭ ކުށަކުން މުސްތަގުބަލަށްޓަކައި ކުރެހިފައިވާ ހުރިހާ ތަސްވީރުތައް ފަނޑުވާގޮތަށް އެމީހަކަށް އަދަބުދެވުމަކީ އިންސާފުކަމަށް ގަބޫލްކުރަން ދައްޗެވެ. އެކަމަށް އަދަބުދިނުމުގައި އެމީހެއްގެ ފަތްތުށްތަކަށް ބަލާ އިންސާނިއްޔާތުކަމާއެކު އިންސާފުކުރުމަކީ އެންމެ ހަމަޖެހޭ އުސޫލެވެ.

ކޮޕީކުރުމުގެ ކުށްތަކަށް އަދަބު ދިނުމުގައި މުޅިއަހަރުގެ އިމްތިހާނުން ފެއިލްވާ ގޮތަށް ނުވަތަ މުޅިސެމިސްޓަރުގެ އިމްތިހާނުން ފެއިލްވާ ގޮތަށް އަދަބު ދޭނަމަ އެދެވޭ އަދަބުން އެފަދަ މީހެއްގެ ކުރިމަރާލެވެނީއެވެ. އެމީހެއްގެ ކިޔެވުން ވަފާތުކޮށްލެވެނީއެވެ.
އަދަބަކީ އިންސާނާ ކުރާ ނުރަގަނޅު ކަންތަކަށް ދެވޭ އުޤޫބާތެކެވެ. އެއިގެ މަޤްސަދަކީ އިންސާނާ އިސްލާހުކޮށް ކުރީގައި ކުރެވިދިޔަ ކަންތައް ތަކުރާރު ނުކުމަށް އިންޒާރު ދިނުމެވެ. އަދަބު ދިނުމުގައި އިސްލާމްދީނުގައި ވަރަށް މަތިވެރި އުސޫލެއް ވެއެވެ. ކޮންމެ ކުށަކަށްވެސް ވަނީ އެކުށަކާ އެކަށީގެންވާ ފަދަ އަދަބެކެވެ.

ވަރަށްފަހުން ވެސް ހިނގާދިޔަ މިފަދަ މައްސަލައެއްގައި ވަނީ ދަރިވަރަކު މުޅިއަހަރުގެ އިމްތިހާން އިން ފެއިލްކޮށްލެވިފައެވެ. މާބޮޑު އަދަބެކެވެ. އަޅުގަނޑުގެ ވިސްނުމެވެ. މިފަދަ އަދަބުތަކަށް އިސްތިއުނާފްކޮށް އަދަބެއްގެ ގޮތުން ވަކި ވަރަކަށް ފައިސާ ދައްކައިގެން ހައްލު ކުރެވޭ ގޮތަށް އޮންނަނަމަ އެގޮތް ވެސް ރަނގަޅެވެ. އެހެން ނަޒަރަކުން ދެކޭނަމަ ފެއިލް ކުރަންވާނީ ކޮޕީކުރި އިމްތިޙާން އިންނެވެ! ކޮޕީ ނުކުރާ އިމްތިހާންއިން ފެއިލް ކުރުމަކީ ވެސް އިންސާފެއް ނޫނޭ ބުނެވިދާނެއެވެ. އެއީ އަދަބު ދިނުމުގައި އެމީހަކު ނުކުރާ ކަމަކަށް އަދަބު ނުދެވޭނެ ކަމަށް އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ގާނުނު އަސާސީވެސް ހެކިދޭތީއެވެ.

ހަގީގަތުގައި ކޮޕީ ކުރުމުގެ ސަގާފަތް އާންމު ވަމުން މިދަނީ އެކަމުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅެމުން ނުދާތީއެވެ. ފެކަލްޓީ އޮފް ޝައިރާ އެންޑް ލޯ ގައި ނަމަ، ބައެއްފަހަރު މިޑްސެމް އެގްޒާމް ތަކުގައި ކޮޕީ ކުރާތަން ފެނި އެކަމަށް އެއްވެސް ފިޔަވަޅެއް ނޭޅި އެބަހުއްޓެވެ. ބައެއްފަހަރު މުޅި ކުލާސް އެކީގައި ކޮޕީ ކުރާކަން އެގި ކިޔަވައި ދެއްވާ މުދައްރިސް އެއްވެސް ފިޔަވަޅެއް ނާޅާ އެބަހުންނަވައެވެ. ބައެއްފަހަރު ހަދަން ޖެހޭ ޓިއުޓޯރިއަލްތައް އެއްދަރިވަރަކު ހެދުމަށްފަހު ދެންތިބި ހުރިހާ ދަރިވަރުން ކޮޕީ ކުރުމުން އެހުރިހާ އެންމެނަށް އެންމެ މަތިން މާރކްސް ދީފައި އެބަހުއްޓެވެ. އިންސާފު ކޮބައިތޯއެވެ! އިންސާފަކީ ހަމައެކަނި ބޮޑު އިމްތިހާނުގައި އަޅާލާކަން ދެއްކުމުގެ ގޮތުން ކޮޕީ ކުރާ ކުއްޖާ އަށް ދެވޭ ނުއުފުލޭ ވަރުގެ ބޮޑު އަދަބު ހެއްޔެވެ!

އެއީ އިންސާފުކަމަށް ގަބޫލް ކުރާނަމަ އެކަމުން ދޭހަވަނީ އެކަމާ ހަވާލުވެތިބޭ އިސްމީހުންގެ ޒިންމާދާރުކަމާއި ހަރުދަނާ ކަމެއް ނެތްކަމެވެ. ފެކަލްޓީ އޮފް ޝަރިއާ އެންޑް ލޯގެ އިސް ބޭފުޅުންނަކީ މިރާއްޖޭގެ ބޮޑެތި ޝެއިޚުންނެވެ. ކޮޕީކުރުމުގެ މައްސަލަތަކުގައި ހަމަހަމަ ކުރުމަށާއި، އެކަންކުރިމީހާގެ ރިކޯޑް ތަކަށްބަލައި އެކަމުގައި ދެވެން އޮތް އެންމެ ލުއި އަދަބު ދިނުމަށް އަޅުގަނޑު އެބޭފުޅުންނަށް ގޮވާލަމެވެ!

2 comments:

އެންޓަރިން said...

ސޮއްފަތު ބުންޔަސް ވަރަށް ހިކުމަތްތެރި ވާހަކައެއްތީ.... ކޮޕީ ނުކުރާ ޓެސްޓުތަކުން ފެއިލްކުރުމަކީ ނުކުރާ ކުށަކަށް އަދަބުދިނުން.... ކޮޕީކުރި މާއްދާއިން އެކަނި ފެއިލް ކުރަންޖެހޭނީ... ހުރިހައި ތަނެއްގައިވެސް ކަންކުރާ އުސޫލުން ކަންކުރަންވާނެ... ތިޔަބުނާ ދަރިވަރަކު ޔުނިވާރސިޓީގެ އިސްތިއުނާފު ކޮމެޓީއަށް މައްސަލަ ހުށަހަޅައިގެން އަދަބު ލުއިކޮއްދިނުމަށް އެދމުގެ ފުރުސަތުވެސް އެބައޮތް...މީގެ މާނައަކީ އެކުއްޖާ ކުރިކަންތައް ރަނގަޅެކޭ ނޫން... ސަކަރާތުގައި ހުރިހާ ވަގުތެއް ތަޅާލައިފައި ނުކިޔަވާ ކޮޕީ ކުރުމަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫން....

Smokescreener said...

thts da way it hav to ve entarin! lets try to make changes wth our student association!